މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މާލެ ސަރަހައްދުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތެރެއިން ބޮޑު ބައެއް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި މުއްދަތުގައި ރެކޯޑު ކުރެވުނު އެކްސިޑެންޓުތަކުގެ 66.49 ޕަސަންޓު ހިނގާފައިވަނީ ދުވާލުއެވެ.

ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މާލެއާއި، ބްރިޖު އަދި ހައިވޭގައި ޖުމްލަ 1،355 އެކްސިޑެންޓު ވަނީ ރެކޯޑު ކުރެވިފައެވެ. މީގެ ތެރެއިން 83.25 ޕަސަންޓު އެކްސިޑެންޓު ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އަދި ބްރިޖާއި ހައިވޭ ސަރަހައްދުގައި ރެކޯޑު ކުރެވިފައިވަނީ 16.75 ޕަސަންޓު އެކްސިޑެންޓެވެ.

މަސްތަކަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓު ރެކޯޑު ކުރެވިފައިވަނީ ޖަނަވަރީ މަހުއެވެ. އެ މަހު 253 އެކްސިޑެންޓު ހިނގާފައިވާއިރު، އެންމެ މަދުން އެކްސިޑެންޓު ހިނގީ ފެބްރުއަރީ މަހުއެވެ. އެއީ 191 އެކްސިޑެންޓެވެ. ނަމަވެސް މާރިޗު މަހު އަނެއްކާވެސް އެކްސިޑެންޓުތަކުގެ އަދަދު ވަނީ 23.56 ޕަސަންޓު އިތުރުވެފައެވެ.

މި ހަ މަސް ދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓުތަކުގައި 2 މީހަކު މަރުވެފައިވާއިރު، 31 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި 1،322 މައްސަލައެއްގައި ކުދި އަނިޔާ ލިބި، 1،482 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދުއްވާ ފަރާތްތަކުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ސަމާލުކަން އިތުރުކުރުމަކީ މުހިންމު ކަމެކެވެ. އަމިއްލަ ސަލާމަތާއި އަނެކުންގެ ރައްކާތެރިކަމަށްޓަކައި ޒިންމާދާރުކަމާއެކު އުޅަނދުފަހަރު ދުއްވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.