ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން މުބާރާތް ކަމަށްވާ 'ދިރާގު ގޭމިން ކޮންކުއެސްޓް 2026' (ޑީއެމްޖީސީ 2026) ގެ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ރޮކެޓް ލީގު ކޮލިފަޔާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމާއެކު ކުރިއަށްގެންދާ މި މުބާރާތަކީ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ ތަފާތު ގޭމްތައް ހިމެނެއެވެ. މީގެ ތެރޭގައި އެމްއެލްބީބީ، ޕަބްޖީ މޮބައިލް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން 8 ހިމެނެއެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ އެމްއެލްބީބީ އަދި ރޮކެޓް ލީގު ކޮލިފަޔާގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް އޮންނާނެއެވެ. އެމްއެލްބީބީ ކޮލިފަޔާގެ އިނާމު ފައިސާގެ ގޮތުގައި 10,000 ރުފިޔާ ކަނޑައަޅާފައިވާއިރު، ޗެމްޕިއަން ޓީމަށް 5,000 ރުފިޔާ ލިބޭނެއެވެ. އަދި ރޮކެޓް ލީގު ކޮލިފަޔާގެ ޖުމްލަ އިނާމު ފައިސާއަކީ 5,000 ރުފިޔާއެވެ. މީގެ ތެރެއިން އެއްވަނައަށް ދާ ޓީމަށް 2,500 ރުފިޔާ ލިބޭނެއެވެ.
ޕަބްޖީ މޮބައިލްގެ ކޮލިފަޔާގެ ރެޖިސްޓްރޭޝަން އަންނަ ހަފުތާގެ ބުދަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. ދިރާގުން ބުނީ މި ކޮލިފަޔާތަކުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ކުޅުންތެރިންނަށް ބައިވެރިވެވޭނެ ކަމަށެވެ.
މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު ދިރާގު ގޭމާސް ގިލްޑްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
