ރާއްޖޭގެ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ދެ ސްކީމް އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، ހއ. ކެލޭއަށް ކުރެއްވި ދަތުރުފުޅުގައެވެ. މިއީ އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ދެ ސްކީމެކެވެ.
"ދަނޑުވެރި މަންފާ" އަކީ އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "ރާއްޖެ އެގްރިބިޒްނަސް ޕްރޮގްރާމް" (މެޕް) ގެ ދަށުން ދޫކުރާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ. މި ސްކީމް އަމާޒުކުރަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
އިސްލާމިކް ފައިނޭންސިން ނިޒާމަށް ބަދަލުކޮށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯނު ސްކީމްގެ މައިގަނޑު އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ ހަރަކާތްތައް ކުރިއެރުވުމެވެ. މީގެ ތެރޭގައި އާބަން އަދި ޕްރޮޓެކްޓެޑް އެގްރިކަލްޗާ، ވާޓިކަލް ގާޑްނިން، ޕޯލްޓްރީ ފާމިން، އެގްރޯ ޕްރޮސެސިން އަދި ޕްލާންޓް ނާސަރީތައް ގާއިމުކުރުން ހިމެނެއެވެ.
މި ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ސްކީމްތަކުގެ އެންމެ ބޮޑު މަގުސަދަކީ ދަނޑުވެރިންގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ފުރުސަތު ފަހިކޮށދީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމާއެކު ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުން އަހުލުވެރިކުރުވުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
