ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ އަދި ޓެކްސްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނި، މީރާއިން ދޭ "ރަންލާރި އެވޯޑު" އަނެއްކާވެސް އުރީދޫއަށް ލިބިއްޖެއެވެ.
މި އެވޯޑަކީ ޓެކްސް ބަޔާންތައް ގަވާއިދުން ހުށަހެޅުމާއި، މައުލޫމާތުގެ ސައްހަކަން ހިފެހެއްޓުމުގެ އިތުރުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ގަވާއިދުން ޓެކްސް ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މީރާއިން ދެމުން އަންނަ ހާއްސަ އެވޯޑެކެވެ. މި އެވޯޑު އަލުން ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި މުޅި ގައުމުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އެ ކުންފުނީގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.
ޓެލެކޮމިއުނިކޭޝަން ދާއިރާއިން 2023 އަދި 2024 ވަނަ އަހަރު ދައުލަތަށް އެންމެ ބޮޑު ޓެކްސް ދެއްކި ކުންފުނީގެ އެވޯޑު އުރީދޫއިން ހާސިލުކޮށްފައިވާއިރު، މީރާއިން ރަންލާރި އެވޯޑު ދޭން ފެށި ފުރަތަމަ އަހަރުތައް ކަމަށްވާ 2016، 2017 އަދި 2018 ވަނަ އަހަރުވެސް ކޯޕަރޭޓް ޓެކްސް އާއި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ބައިން އެ ކުންފުނިން ވަނީ މި އެވޯޑު ހާސިލުކޮށްފައެވެ.
މީރާއިން 2025 އިން 2026 އަށް އެކުލަވާލާފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ދަށުން، އަމިއްލަ އިހުތިޔާރުގައި ޓެކްސް ދައްކާ ފަރާތްތައް އިތުރުކުރުމަށް އަމާޒުހިފާފައިވާއިރު، ރަންލާރި އެވޯޑް ހާސިލުކުރާ ކުންފުނިތަކަކީ އެހެން ވިޔަފާރިތަކަށް އޮތް ނަމޫނާއެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ. ޓެކްސް ދެއްކުމުގެ އިތުރުން އުރީދޫއަކީ ރާއްޖޭގެ އިޖުތިމާއީ އަދި ޑިޖިޓަލް ތަރައްގީއަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.
