އިންސާނީ ތާރީހުގައި ދަގަނޑު ބޭނުންކުރަން ފެށުނު ގޮތުގެ ހޯދުންތަކުން އެނގޭ ގޮތުގައި، ދަގަނޑު ބިމުން ނަގައިގެން ވިއްލައިގެން ބޭނުންކުރުމުގެ މާ ކުރިން އިންސާނުން ވަނީ ދަގަނޑު ބޭނުންކުރަން ފެށިފައެވެ.
ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ފުރަތަމަ އިންސާނުން ބޭނުންކުރި ދަގަނޑަކީ ބިމުގެ އަޑިން ލިބުނު އެއްޗެއް ނޫނެވެ. އެއީ ޖައްވުން ދުނިޔެއަށް ވެއްޓުނު ގިނިހިލަ ނުވަތަ މީޓިއޯރައިޓްތަކުން ލިބުނު ސާފު ދަގަނޑެވެ. މިފަދަ ދަގަނޑަކީ އެއްވެސް ކެމިކަލް މަރުހަލާއަކާ ނުލައި، ސާފުކޮށް ބޭނުންކުރެވޭ ގޮތަށް ޖައްވުން ލިބުނު ވަސީލަތެކެވެ.
އާކިއޮލޮޖިސްޓުން ކުރި ދިރާސާތަކުން އެނގޭ ގޮތުގައި، ބިމުން ދަގަނޑު ނަގައިގެން އުފެއްދުމުގެ ސިނާއަތް ފެށުމުގެ ގާތްގަނޑަކަށް 1،500 އަހަރު ކުރިން އިންސާނުން ވަނީ ގިނިހިލައިން ލިބުނު ދަގަނޑު ބޭނުންކޮށްގެން ތަފާތު ތަކެތި އުފައްދާފައެވެ. އެގޮތުން ގަދީމީ މިސްރުގެ ސަރަހައްދުތަކުން ފެނުނު ކުދި ދަގަނޑު އޮށްތަކާއި، މިސްރުގެ ރަސްގެފާނު ތޫތަންކާމުންގެ ކަންޖަރަކީވެސް ޖައްވުން ވެއްޓުނު ގިނިހިލައިން ހަދާފައިވާ ތަކެއްޗެވެ. މި ތަކެތި އެކްސްރޭ އަދި ސައިންސީ އެހެން ވަސީލަތްތަކުން ތަހުލީލުކުރިއިރު އޭގައި 11 ޕަސަންޓު ނިކެލް އަދި ކޯބޯލްޓް ހިމެނޭކަން ވަނީ ސާބިތުވެފައެވެ.
ގަދީމީ ޒަމާނުގައި މިފަދަ ދަގަނޑަކީ ރަނަށްވުރެވެސް އަގުބޮޑު އަދި ރިއްސަށްވުރެ 40 ގުނަ އަގުބޮޑު އެއްޗެކެވެ. އެ ޒަމާނުގެ ލިޔުންތަކުގައި ދަގަނޑަށް ނަންދީފައިވަނީ "އުޑުން އައި ދަގަނޑު" ނުވަތަ "އުޑުގެ ހިލަ" ގޮތުގައެވެ. ބިމުން ދަގަނޑު ވިއްލައިގެން އުފައްދާނެ ނިޒާމެއް އުފެދުމުގެ ކުރިން، ޖައްވުން ވެއްޓުނު މި ގިނިހިލަތަކަކީ އިންސާނިއްޔަތުގެ ތާރީހުގައި އެންމެ ފުރަތަމަ ބޭނުންކުރެވުނު ދަގަނޑުގެ ވަސީލަތް ކަމަށް އިލްމުވެރިން ބުނެއެވެ.
