ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ މީހުން އެއް ވިއުގައަކުން ގުޅުވާލުމަށް "މައި ކެރިއަ ޕޯޓަލް" ގެ ނަމުގައި އާ ޕޯޓަލްއެއް ތައާރަފުކޮށްފިއެވެ.

މިއީ ވަޒީފާގެ ފުރުސަތުތަކާއި ކެރިއަ ޑިވެލޮޕްމަންޓުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

މި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ވަޒީފާ ހޯދާ ވަރަށް ގިނަ ބަޔަކާއި މުވައްޒަފުން ބޭނުންވާ އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި މި ދެ ފަރާތުގެ ދެމެދުގައި ހުރި ހުރަސްތައް ނައްތާލުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މީހަކާ އެންމެ ގުޅޭ ވަޒީފާއަކީ ކޮބައިކަން ކެރިއަ ގައިޑެންސް މެދުވެރިކޮށް ކުރިންވެސް ކޮންމެވެސް ވަރަކަށް އަންގައިދެއެވެ. ނަމަވެސް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިކަން ފަސޭހައިން ކުރެވޭނެ ނިޒާމެއް މީގެ ކުރިން ރާއްޖޭގައި ގާއިމުކުރެވިފައެއް ނެތެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ދިމާވަމުންދާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރާއްޖޭގައި ހުރި ވަޒީފާތަކާ ނުގުޅޭ ދާއިރާތަކުން ތައުލީމު ހާސިލުކޮށްގެން ހުނަރު ހޯދައިގެން އައިސް ވަޒީފާ ހޯދަން އުނދަގޫވުން. އަދި އެންމެ ފަހުން އެމީހާ ކިޔެވި ދާއިރާއާ ނުގުޅޭ ދާއިރާއަކުން މަޖުބޫރީ ހާލަތުގައި ވަޒީފާ އަދާކުރާ މަންޒަރު ފެނުން. މިއީ ރާއްޖޭގެ ލޭބަ މާކެޓުގައި ކުރިއަށް އޮތްތަނުގައި ހައްލުކުރަންޖެހޭ އެންމެ ބޮޑު އެއް މައްސަލަ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިކަންކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޕޯޓަލްގައި މުސްތަގުބަލު ބައްޓަންކުރަން އެހީތެރިވެދޭނެ ގިނަ ވަސީލަތްތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ވަޒީފާ ހޯދާ މީހުންނާއި ތަމްރީނު ލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، ކެރިއަ އެޑްވައިޒަރުންގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ކުރިއެރުން ހޯދުމަށް އެކުލަވާލާ އެކްޝަން ޕްލޭންތައް މޮނިޓަ ކުރެވޭނެ އިންތިޒާމުވެސް މި ޕޯޓަލް މެދުވެރިކޮށް ހަމަޖެހިގެންދާނެއެވެ. މި ޕޯޓަލްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ ހަރުދަނާކޮށް، ފަސޭހަ ނިޒާމެއްގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.