ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދުގެ ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. ސާއިދަށް އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހާލު ދެރަވުމާ ގުޅިގެންނެވެ.

ސާއިދަކީ ޕީއެސްއެމްގެ ކުޅިވަރު ޑެސްކުގެ ނިއުސް އެޑިޓަރެވެ.

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސާއިދުގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވާއިރު، އޭނާ ދިޔައީ އާސަންދައިގެ އެހީގައި ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ފަރުވާގެ ކަންކަން ހަމަޖެހި، މި މަހުގެ 13 ވަނަ ދުވަހު ލަންކާއަށް ދިއުމަށް އޮތީ ހަމަޖެހިފައެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެކަން އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ 13 ޕަސަންޓުގައެވެ. އެފަހުން އޭނާ ދިޔައީ ޑަޔަލަސިސް ހަދައި، ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި އާއިލާއާއި އެކުވެރިންގެ އެހީގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ޑޯނަރެއް ހޯދުމުގެ މަސައްކަތްވެސް އޭނާ ދިޔައީ ކުރަމުންނެވެ.

2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ގުޅުނު ސާއިދަކީ ކުޅިވަރު ކޮމެންޓްރީ ދިނުމާއި، ޕްރޮގްރާމްތައް ހުށަހެޅުމުގައި ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ.