ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ސަރަހައްދުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެހެންވެ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ. މީގެ ތެރެއިންވެސް މޫސުން އެންމެ ގޯސްވާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށް އެ އޮފީހުން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި ހުރިހާ އާންމުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
ރާއްޖެ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެފައިވާތީ، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
