ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ރާއްޖޭގައި އަސާސީ މުދަލުގެ އަގު 1.27 ޕަސަންޓު ދަށްވެފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފިއެވެ. އެ އޮފީހުން އާންމުކުރި "އެސެންޝިއަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް" އިން ދައްކާ ގޮތުގައި ކާބޯތަކެތީގެ އަގު މަހުން މަހަށް ބަލާއިރު ވަނީ 1.81 ޕަސަންޓު ދަށަށް ގޮސްފައެވެ.
ކާބޯތަކެތީގެ އަގުތަކުގެ ތެރެއިން އެންމެ ބޮޑަށް ދަށްވެފައިވަނީ ތަރުކާރީގެ އަގުތަކެވެ. ތަރުކާރީގެ އަގުތައް 10.89 ޕަސަންޓު ދަށަށް ގޮސްފައިވާއިރު، މޭވާގެ އަގު ވަނީ 1.42 ޕަސަންޓު ދަށްވެފައެވެ.
ކާބޯތަކެތީގެ އެހެން ބައިތަކަށް ބަލާއިރު، ސީރިއަލްގެ އަގު 0.21 ޕަސަންޓު ދަށްވެ، ކަނޑުމަހުގެ އަގު 0.01 ޕަސަންޓު ދަށްވެފައިވެއެވެ. އަދި ހަކުރާއި، ޖޭމު އަދި މާމުއިގެ އަގު ވަނީ 0.96 ޕަސަންޓު ދަށްވެފައެވެ.
ނަމަވެސް ޖުލައި މަހުގެ ތެރޭގައި ބުއިންތަކުގެ އަގު ވަނީ 0.35 ޕަސަންޓު އިތުރުވެފައެވެ. މޭވާއާއި ތަރުކާރީ ޖޫސް އުފެއްދުންތަކުގެ އަގު 2.39 ޕަސަންޓު މައްޗަށް ގޮސްފައިވާއިރު، ކޮފީގެ އަގު ވަނީ 0.30 ޕަސަންޓު އިތުރުވެފައެވެ. އަދި ބުއިންތަކުގެ އަގު އަހަރީ ނިސްބަތުން ބަލާއިރު 5.75 ޕަސަންޓު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މަހުން މަހަށް ބަލާއިރު އަސާސީ މުދަލުގެ އަގު ޖުމްލަކޮށް ދަށްވި ނަމަވެސް، އަހަރީ ނިސްބަތުން ބަލާއިރު ކާބޯތަކެތީގެ އަގު ވަނީ 5.89 ޕަސަންޓު މައްޗަށް ގޮސްފައެވެ. އަދި މަހުގެ ބާވަތްތަކުގެ އަގު އަހަރީ ނިސްބަތުން 21.43 ޕަސަންޓު މައްޗަށް ގޮސްފައިވާއިރު، އާންމު މުދަލުގެ އަގުތައް އެހެން އަހަރުތަކާ ބަލާއިރު 6.07 ޕަސަންޓު މައްޗަށްވަނީ ގޮސްފައެވެ.
