އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓްގައި މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން 4-1 އިން މެކްސިކޯ ބަލިކޮށް ބްރެޒިލުން އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ ބްރެޒިލުން އެމުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެ ފަސް އަހަރު ކުރިން 2016 ވަަނަ އަހަރުގައި އަމިއްލަ ގައުމުގައި ބޭއްވި އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑެލް ބްރެޒިލުން ހޯދީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށްފަ އެވެ.
ޖަޕާނުގެ މަޝްހޫރު ކަށިމާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 0-0 އިން ލަނޑެއްނުޖެހި އެއްވަރުވުމުން ނަތީޖާނެރުމަށް ދެން ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފު ވެސް ނިމުނީ ލަނޑެއް ނުޖެހިއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ބްރެޒިލުން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، މެކްސިކޯ އަށް ވައްދާލެވުނީ އެންމެ ޕެނަލްޓީ އެކެވެ. ބްރެޒިލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ޑެނީ އަލްވެސް، ގެބްރިއަލް މާޓިނެއްލީ، ބްރޫނޯ ގިމަރޭޝް އަދި ރެއިނިއާއެވެ. މެކްސިކޯގެ އެޑުއާޑޯ އަގުއިރޭ ފޮނުވާލި ޕެނަލްޓީ ބްރެޒިލްގެ ގޯލްކީޕަރު ސަންޓޯސް މަތަކުރިއިރު، އެ ޓީމުގެ ޔޯހަން ވަޒްކޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެކްސިކޯގެ ހަމައެކަނި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކާލޮސް ރޮޑްރިގޭޒް އެވެ.
މިފަހަރުގެ ފައިނަލްގައި ބްރެޒިލް ނިކުންނާނީ މިއަދު ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި ސްޕެއިނާ ޖަޕާން ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ޔޮކޮހާމާގެ އިންޓަނޭޝަނަލް ސްޓޭޑިއަމްގައިމި މެޗު ކުޅެވޭނީ މި މަހުގެ 8 ވާ އާދީއްތަ ދުވަހު އެވެ.
