އެނަރޖީ ޑްރިންކަކީ ވަގުތީ ގޮތުން ހަކަތައާއި ހުޝިޔާރުކަން ހޯދުމަށް ގިނަ ބަޔަކު ބޭނުންކުރާ ބުއިމެކެވެ. ނަމަވެސް، މިއީ މިންވަރަށްވުރެ އިތުރަށް ބޭނުންކޮށްފިނަމަ އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ އެއްޗެކެވެ. މީގައި އެކުލެވޭ މަތީ މިންވަރެއްގެ ކެފެއިން، ގުއަރާނާ، އަދި ހަކުރުގެ ސަބަބުން ހަށިގަނޑުގެ މުހިންމު ނިޒާމުތަކުގެ ހަމަޖެހުން ގަޑުބަޑުވެގެންދެއެވެ.
އެނަރޖީ ޑްރިންކް ގިނައިން ބޯނަމަ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ ހިތުގެ ނިޒާމަށެވެ. މެޔޯ ކްލިނިކް އަދި އެމެރިކަން ހާޓް އެސޯސިއޭޝަންގެ ދިރާސާތަކުން ދައްކާ ގޮތުގައި، އެނަރޖީ ޑްރިންކް ބުއިމުގެ 30 މިނެޓު ތެރޭގައި ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ހިންގުން އަވަސްވެގެންދެއެވެ. އަދި ގަވާއިދުން މިންވަރަށްވުރެ ގިނައިން ބޭނުންކުރުމަކީ ހިތުގެ ރިދަމް ގަޑުބަޑުވުމާއި، މޭގައި ރިއްސުން އަދި ކުއްލިއަކަށް ހިތް ހުއްޓުމުގެ ނުރައްކާ އިތުރުކުރާ ކަމެކެވެ.
ހިތުގެ އިތުރުން ސިކުނޑިއާއި ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެން ބޮޑެތި އަސަރުތަކެއް ކުރެއެވެ. އެނަރޖީ ޑްރިންކްގައި ހުންނަ ކެފެއިންގެ މަތީ މިންވަރުގެ ސަބަބުން ހަށިގަނޑުގައި ސްޓްރެސް ހޯމޯން 70 އިންސައްތައަށް އުފުލިގެންދާކަމަށް މެޔޯ ކްލިނިކްގެ ދިރާސާއަކުން ދައްކައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނިދިނުލިބުމާއި، އިންތިހާއަށް ކަންބޮޑުވުމާއި، ރުޅިގަދަވުން އަދި ސިކުނޑި ތާޒާނުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
މީގެއިތުރުން، އެނަރޖީ ޑްރިންކްގައި އެކުލެވޭ މަތީ މިންވަރުގެ ހަކުރުގެ ސަބަބުން މެޓަބޮލިޒަމް ހަލާކުވެ، ހަކުރުބަލި ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. ވޯލްޑް ހެލްތް އޮގަނައިޒޭޝަން ގެ ރިޕޯޓްތަކުގައިވާ ގޮތުން، އެނަރޖީ ޑްރިންކް އާންމުކޮށް ބޭނުންކުރުމަކީ ދަތްތައް ފުޅާވުމާއި، ގުރުދާ އަށް ގެއްލުންވުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެނަރޖީ ޑްރިންކުގެ ބަދަލުގައި ގިނައިން ފެނާއި، ގުދުރަތީ މޭވާގެ ބުއިންތައް އިޚްތިޔާރުކުރުން މުހިންމެވެ.
ހަވާލާ:
. މެޔޯ ކްލިނިކް 2025
. އެމެރިކަން ހާޓް އެސޯސިއޭޝަން 2024
