ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކޮށް، މުދާ އިމްޕޯޓުކުރާ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކޮމާޝަލް ބޭންކުތަކަށް ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 51 ޕަސަންޓު އިތުރުކުރަން އެމްއެމްއޭއިން ނިންމައިފިއެވެ.

ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް ގެނެވުނު މި ބަދަލާއެކު، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 7 މިލިއަން ޑޮލަރަށް އަރާނެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، ބޭންކުތަކަށް ކަނޑައެޅި 264 މިލިއަން ޑޮލަރުގެ އެލޮކޭޝަނުން މީގެ ކުރިން ހަފުތާއަކު ދޫކުރަމުން ދިޔައީ ގާތްގަނޑަކަށް 5 މިލިއަން ޑޮލަރެވެ. ފާއިތުވި އަހަރުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖުމްލަ 1.1 ބިލިއަން ޑޮލަރު ވިއްކާފައެވެ.

މި ފިޔަވަޅު އަޅަންޖެހުނު މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރު ދަށްވެ، ފާއިތުވި ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރު މަދުވުމުގެ އަސަރު ވިޔަފާރިތަކުގެ އާމްދަނީއަށް ކޮށްފައިވުމެވެ. އެމްއެމްއޭއިން އަންނަނީ މި ފިއްތުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މީގެ ކުރިންވެސް މާލީ ބާޒާރު ހަމައަކަށް އަޅުވައި، އާންމު މުދަލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެމްއެމްއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ރޯދަ މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓުކުރާ ފަރާތްތަކަށް އެހީވުމަށް ބޭންކުތަކަށް ދޫކުރާ ޑޮލަރު 32 ޕަސަންޓަށް އިތުރުކުރިއިރު، ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ފާއިތުވި ޖޫން މަހު ވަނީ 26 ޕަސަންޓުގެ އިތުރުވުމެއް ދީފައެވެ.

ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރުމުގެ އިތުރުން، ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް ބަދަލުތަކެއް ގެންނަންވެސް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އެގޮތުން، ކެޓަގަރީ "އޭ" ގެ ރިސޯޓުތަކުން އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ލިބޭ އާމްދަނީގެ 20 ޕަސަންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުން ހިމެނެއެވެ. މިއާއެކު ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ލަފާކުރެއެވެ.