ކ. ދިއްފުށިން ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ސިނަމަން ދޮންވެލި ކައިރިއަށް އަޑިއަށް ހިނގައްޖެއެވެ. ނަމަވެސް، މި ހާދިސާގައި ލޯންޗުން ދަތުރުކުރި 18 މީހުންވެސް ވަނީ ސަލާމަތްކޮށްފައެވެ.

މި ލޯންޗުން ދަތުރުކުރީ ޗައިނާއަށް ނިސްބަތްވާ 14 ޓޫރިސްޓުންނާއި 4 ދިވެހިންނެވެ. ޓޫރިސްޓުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ލޯންޗުގެ ފަހަތުން ދިޔަވެ، ޕަންޕުންވެސް ފެން ނުހިންދިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ދިއްފުށީ ކައުންސިލުން ބުނީ، ލޯންޗުން ދަތުރުކުރި އެންމެންވެސް މިހާރު ދިއްފުއްޓަށް ގެންގޮސްފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ، ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަ ދުވަސްވަރެކެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.