ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގައިވެސް، އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭނީ ކުއްޖާގެ އާއިލާގެ ތެރެއިން ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި އެކަނި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކުރީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގި ގޮތާ މެދު ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަބަދުވެސް އަމަލުކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިން، މައިންބަފައިންގެ ގާތުގައި ކުއްޖާ ބަހައްޓައިގެން ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އަދި މައިންބަފައިންގެ ގާތުގައި ނުބެހެއްޓޭނަމަ، އާއިލާގެ އެހެން ފަރާތެއްގެ ގާތުގައި ކުއްޖާ ބެހެއްޓުމަކީ ދައުލަތުން އިސްކަންދޭނެ ކަމެކެވެ.

"އާއިލާގެ އެއްވެސް ފަރާތަކުން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި މެނުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނެއެވެ." ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ކުއްޖަކު ނެގުމަކީ އެންމެ ފަހުގެ ފިޔަވަޅު ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އަދި މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީވެސް، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި މެނުވީ، ކުއްޖާ މައިންބަފައިންނާ ވަކިކުރަންޖެހޭ ސައްހަ ސަބަބެއް ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.