ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ކިރުވައިގެން ލިބޭ ބިލަށް މަސް ދޯނިތަކަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި އިންތިޒާމު ހަމަޖައްސާފައިވަނީ މިފްކޯއާއި ފިއުލް ސަޕްލައި ރާއްޖެ (އެފްއެސްއެމް) އާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.
މިފްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސްއާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާނެވެ. މި އެއްބަސްވުމުގެ ދަށުން، މިފްކޯއަށް މަސް ކިރުވުމަށްފަހު ލިބޭ ބިލު ހިފައިގެން ގޮސް ދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މި އިންތިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިން ކަމަށް މިފްކޯއިން ބުންޏެވެ. އަދި މި އުސޫލުގެ ދަށުން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރުން މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރަމުންދާ އުސޫލުގެ ދަށުން، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރު ތެޔޮ ދޫކުރާނެއެވެ.
މަސްވެރިންގެ އެދުމުގެ މަތިން އެސްޓީއޯ ނުވަތަ އެފްއެސްއެމް މެދުވެރިކޮށް ލުއިފަސޭހަކަމާއެކު ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
