ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ޓީޗަރަކަށް ނޫނީ އެމެރިކާގެ ނިއުޔޯކްގެ ސްކޫލްތަކަށް ދިއުން މަނާކުރަން ނިއުޔޯކްގެ ގަވަރުނަރު ކޫމޯ ކުރައްވަމުން ގެންދަވާ މަސައްކަތާއި ދެކޮޅުކަން އެގައުމުގެ ޓީޗަރުންގެ ޔޫނިއަނުން ހާމަކޮށްފިއެވެ.
ގަވަރުނަރު ކޫމޯ ވަނީ ހުރިހާ ސްކޫލްތަކަކަށް ވެސް ދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ޓީޗަރުންނަށްކަން ކަނޑައަޅަން ޑިސްޓްރިކްޓް އޮފީސްތަކަށް އަންގަވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ޓީޗަރުންނަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ ވެކްސިން ފުރިހަމަ ކުރުމެވެ. ދެވަނަ ގޮތަކީ ކޮންމެ ހަފްތާއަކު އެއްފަހަރު ކޮވިޑަށް ޓެސްޓް ކުރުމެވެ.
ނިއުޔޯކްގެ އެންމެ ބޮޑު ޔޫނިއަން ކަމަށްވާ ޓީޗާސް ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޖެހުން ޓީޗަރުންނަށް މަޖުބޫރު ކުރުން އެއީ އެމެރިކާ އިން ވެކްސިނާއި ގުޅިގެން އެކުލަވާލާފައި އޮތް ސިޔާސަތާއި ވެސް ދެކޮޅު ކަމެއް ކަމަށެވެ. ކޮވިޑް19 ވެކްސިން ޖެހުމަށް ބާރުއަޅަންވާނެ ކަމަށާއި ނަމަވެސް ވެކްސިން ޖެހުން މަޖުބޫރު ނުކުރެވޭނެ ކަމަށް ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޫމޯ ވަނީ ނިއުޔޯކްގެ ހުރިހާ ސަރުކާރު މުވައްޒަފުން ވެސް ވެކްސިން ޖެހުން މަޖުބޫރު ވާނެ ކަމަށް މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.
ވެކްސިން ފުރިހަމަ ނުކޮށް ސްކޫލްތަކަށް ޓީޗަރުންނަށް ނުވަދެވޭނެ ކަމަށް ކަނޑައެޅުމަށް ފަހު ވެކްސިން ފުރިހަމަ ކުރުމަށް ޓީޗަރުންނަށް އެއްމަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ބައެއް ހޮސްޕިޓަލްތަކުން ވެސް އަންނަނީ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އަންގަމުންނެވެ. ވެކްސިން ފުރިހަމަ ނުކޮށްގެން ބައެއް މުވައްޒަފުން ވަޒީފާ އިން ވެސް ވަކިކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
