ޒުވާނުންގެ ހިޔާލުތަކާއި އުންމީދުތަކަކީ ގައުމީ ތަރައްގީއަށް އަގުހުރި ކަންކަން ކަމަށާއި، ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ އިންޓަނޭޝަނަލް ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި، ރާއްޖޭގެ ތަފާތު ރަށްރަށާއި ސަގާފަތްތަކުގެ ޒުވާނުންނަށް ދިމާވާ ހަގީގަތްތައް ތަފާތުވި ނަމަވެސް، ފެންވަރު ރަނގަޅު ތައުލީމާއި މާނަހުރި ފުރުސަތުތަކާއި އަބުރުވެރި ދިރިއުޅުމެއް ފަދަ އުންމީދުތައް ހުރިހާ ޒުވާނުންވެސް ހިއްސާކުރާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އާބާދީގެ 45 ޕަސަންޓަކީ ޒުވާނުންކަން ހަނދުމަފުޅުކޮށްދެއްވައި ދީނީ، ތައުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން އެ ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކަށް އެމަނިކުފާނު ސާބަސް ދެއްވިއެވެ.

ތައުލީމީ ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ނޭޝަނަލް ސާވިސް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކިޔެވުމުގެ މާހައުލުން ވަޒީފާގެ މައިދާނަށް ބަދަލުވުމުގެ މަރުހަލާ ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކުރައްވައިފައެވެ. އެކަމަނާ ވިދާޅުވީ ކޮންމެ ރަށަކުން އަދި ކޮންމެ ހާލަތަކުން އައި ޒުވާނެއް ނަމަވެސް، އެ މީހެއްގެ ހުވަފެންތަކަކީ އަގުހުރި ހުވަފެންތަކެއް ކަމަށެވެ. އަދި ވަކި ތަނަކަށް ނިސްބަތްވީތީ ފުރުސަތުތައް ހަނިނުވާނެ ރާއްޖެއެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އިންޓަނޭޝަނަލް ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޒުވާނުންނާ ގުޅުންހުރި މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ތަރައްގީގައި ޒުވާނުންގެ ގާބިލިއްޔަތު ފާހަގަކުރުމުގެ ގޮތުންނެވެ.