ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ މީހެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބާއްވާ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސިވިލް ސަރވިސްގެ އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނައިރު، އެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެއްކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެވެސް އާއިލީ އަދި ސިއްހީ ކަންކަމާ ގުޅޭ ތަފާތު ފިކުރުތައް ހުންނާނެތީ، އެ މީހުންގެ ނަފުސާނީ ހާލަތަށް ސަމާލުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ސާޖިދާ ވިދާޅުވީ، ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު 12 ބިލިއަން މަސައްކަތު ދުވަސް ދުނިޔެއިން ގެއްލޭ ކަމަށެވެ. މިއީ އުފެއްދުންތެރިކަމަށް ބަލާއިރު 1 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެކެވެ. އަދި 2021 ވަނަ އަހަރުގެ ސްޓެޕްސް ސާވޭއިން ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަން ތަހައްމަލުކުރާކަން ހާމަވެފައިވާތީ، މާހައުލުގައި ހުންނަ ނުތަނަވަސްކަން ނައްތާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ސިއްހީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެ،" ސާޖިދާ ވިދާޅުވިއެވެ.

މި މަހާސިންތާގެ ތެރެއިން އިލްމީ އަދި އަމަލީ ކަރުދާސްތަކެއް އެކުލަވާލައި، ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވާ ތަންތަނަށް ހެދުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ހުރިހާ މުވައްޒަފުންނަށް އިހުތިރާމްކޮށް، އެކުވެރި މާހައުލެއް ގާއިމުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް އެދިވަޑައިގެންނެވިއެވެ.

މި މަހާސިންތާއަކީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ސިވިލް ސަރވިސް ކޮމިޝަން އަދި ޑަބްލިއުއެޗްއޯ ރާއްޖެ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީއާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖުތާޒު ބައިވެރިވެވަޑައިގެންނެވިއެވެ.