ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު ބަދަލުކުރުމަށްޓަކައި، ކެޓަގަރީ-އޭ ގެ ޓޫރިޒަމް ތަންތަނުން މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސަންޓު ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމުކުރާ ގޮތަށް "ބޭރު ފައިސާއާބެހޭ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރުން މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖައާކޮށް، ކެޓަގަރީ-އޭ ތަންތަނުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް މުރާޖައާކޮށް ހަރުދަނާކުރުމެވެ.
މި އިސްލާހުގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކަށެވެ. މިހާރު ގާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަށް ޖަމާކުރަންޖެހެނީ 15 މިލިއަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކުންނެވެ.
އަދި މި އިސްލާހުގައި ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް ތަންތަނުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 20 ޕަސަންޓު ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ގާނޫނުގައިވާ ގޮތުން އެފަރާތްތަކުން މާރުކުރަންޖެހޭނީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް އައިސްފައިވާ ޖުމްލަ ޓޫރިސްޓުންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސަންޓެވެ.
މީގެއިތުރުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން 100 ޕަސަންޓު ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭނީ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 7 ޕަސަންޓެވެ. ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކަށް ގެނައި އިސްލާހަށް އަމަލުކުރުމަށް އިންތިގާލީ މުއްދަތެއް އެމްއެމްއޭއިން ކަނޑައަޅައި ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
