ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޖެނެރަލް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ އެކު، މި އަހަރުގެ އޯގަސްޓު 6 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.3 ޕަސަންޓުގެ ކުރިއެރުމެކެވެ.

ފައިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 20.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 18.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.1 ޕަސަންޓުގެ އިތުރުވުމެކެވެ. މީގެ ތެރެއިން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީޖީއެސްޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އާމްދަނީ ލިބުނު އެހެން ދާއިރާތަކަށް ބަލާއިރު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓޫރިޒަމްގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފައިނޭންސް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 454.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، ހިނގަމުންދާ ހަރަދު ނުވަތަ ރިކަރަންޓު ހަރަދު ވަނީ 23.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން މުސާރައާއި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ސަބްސިޑީއަށް 3.2 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.3 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މީގެ އިތުރުން އުމްރާނީ ތަރައްގީއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައްވެސް އަދާކުރަމުންނެވެ. އެގޮތުން ބޭރުގެ ލޯނުތައް އަދާކުރުމަށް 9.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 146 ޕަސަންޓުގެ އިތުރުވުމެކެވެ. މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް އުޅުނު ނަމަވެސް، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.