ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރެއިން މާކެޓުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާކަމަށް ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާއިން ވަނީ 237،271 ޓޫރިސްޓުން ރާއްޖެއަށް އައިސްފައެވެ. މިއީ ރާއްޖެއަށް އައި މުޅި ޖުމްލަ ޓޫރިސްޓުންގެ 18.2 ޕަސަންޓެވެ.

ޗައިނާގެ އިތުރުން ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 191،530 ޓޫރިސްޓުން (14.7 ޕަސަންޓު) އައިސްފައިވާއިރު، ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން ރާއްޖެއަށް 102،596 ޓޫރިސްޓުން (7.9 ޕަސަންޓު) ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިސްޓުންގެ އިތުރުން ވިޔަފާރި ބޭނުމަށާއި ކްރޫޒްލައިނާތަކުގައި އައި މީހުން ހިމަނައިގެން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,331,148 މީހުން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1,387,700 މީހުންނާ އަޅާބަލާއިރު 56,552 މީހުންގެ ދަށްވުމެކެވެ.

ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ އެނދުގެ ކެޕޭސިޓީއަށް ބަލާއިރު، މިވަގުތު 68,406 އެނދު އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިޒޯޓުތަކުންނެވެ. އެއީ 66 ޕަސަންޓެވެ. ގެސްޓްހައުސްތަކުން 25 ޕަސަންޓު ހިއްސާކުރާއިރު، ސަފާރީ އުޅަނދުފަހަރުން 5 ޕަސަންޓު އަދި ހޮޓާތަކުން 4 ޕަސަންޓު ހިއްސާކުރެއެވެ. މިވަގުތު ރާއްޖޭގައި 179 ރިޒޯޓަކާއި 947 ގެސްޓްހައުސްއެއް ދަނީ އޮޕަރޭޓްކުރަމުންނެވެ.