މާލޭ ވިޔަފާރި ބަނދަރުން ދެމުން އަންނަ ބައެއް ހިދުމަތްތައް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ތިލަފުއްޓަށް ބަދަލުކުރުމުން، މޭވާއާއި ތަރުކާރީ ފަދަ އަސާސީ ކާބޯތަކެތި އަވަހަށް ކްލިއާ ކުރެވި، ތާޒާކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރާއްޖެއަށް ގިނައަދަދަކަށް ތަރުކާރީއާއި މޭވާގެ އިތުރުން އަސާސީ ބާވަތްތައް އެތެރެކުރާ ވިޔަފާރިވެރިންނާ އެކު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މުޅި ބަނދަރާއި އެއާ ގުޅުންހުރި ނިޒާމަށް ޖުމްލަ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުޅި މަޝްރޫއުގެ މަސައްކަތް ނޮވެމްބަރު 2027 ގެ ކުރިން ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝަފީގު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ، ތިލަފުށީގައި ގާއިމްކުރާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިމޭނެ ކަމަށެވެ. އަދި 80 މީޓަރުގެ ބާޖެއް ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއާ ކުރުމާއި މުދާ ލޯޑުކުރުމުގެ ހިދުމަތް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. .
އޮކްޓޯބަރު މަހުން ފެށިގެން މާލެއާއި ތިލަފުށީގެ ދެ ބަނދަރުގައިވެސް އެއްވަރަކަށް މަސައްކަތް ކުރިއަށްދާނެއެވެ. އެމްޕީއެލްއިން ބުނީ މާލެއާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
