އިޖުތިމާއީ ކަންކަމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުންދާ 'ބޭންކް ފަންޑު' މިއަހަރު ލިބޭ ޖަމިއްޔާތައް ބީއެމްއެލްއިން މިއަދު އިއުލާންކޮށްފިއެވެ.
މި އަހަރުގެ ބޭންކް ފަންޑަށް ބީއެމްއެލްއިން ވަނީ ޖުމްލަ ފަސް ޖަމިއްޔާއެއް ހޮވާފައެވެ. އެ ޖަމިއްޔާތަކަކީ ދިއްދޫ ކުރިމަގު، ޔުނިޓީ ސްޕޯޓްސް އެކަޑަމީ، ލާމު ފާމަރސް އެސޯސިއޭޝަން، ބްލޫ ގިލްޑް ފައުންޑޭޝަން އަދި ކަލައިދޫ ވިންގްސްއެވެ.
މި ފަންޑުގެ ދަށުން ހއ. ދިއްދޫގެ 'ދިއްދޫ ކުރިމަގު' ޖަމިއްޔާއިން އިސްނަގައިގެން އެ ރަށުގައި 'ހައިވް' ގެ ނަމުގައި ހާއްސަ މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ތަރައްގީކުރާ މި މަރުކަޒަކީ ޑިޖިޓަލް ތައުލީމާއި، އާ އީޖާދުތަކުގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ހާއްސަ ކުރެވިގެން ހުޅުވޭ ތަނެކެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ށ. ފުނަދޫގެ 'ޔުނިޓީ ސްޕޯޓްސް އެކަޑަމީ' އަށް ވަނީ ފަންޑު ދޫކޮށްފައެވެ. އެ ޖަމިއްޔާއިން މި ފަންޑު ބޭނުންކުރާނީ ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ 'މާމުލި ކުޅި' އާލާކޮށް، އެ ސަރަހައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްގީ ކުރުމަށެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން މުޖުތަމައުގެ ބޭނުންތަކަށް ފަރުމާކުރެވޭ ތަނެކެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން 'ލާމު ފާމަރސް އެސޯސިއޭޝަން' އަށް ވަނީ ފަންޑު ދީފައެވެ. މި ފަންޑުގެ އެހީގައި ލ. ފޮނަދޫ އަދި ލ. ގަމުގައި 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް' ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އުފެއްދުންތަކުން ލިބޭ މަންފާ އިތުރުކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ހޯދައިގެން ދަނޑުވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
ބީއެމްއެލްގެ 'ބޭންކް ފަންޑް' އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނިވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
