އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ (50 މިލިއަން ޑޮލަރު) ގެ ކުއްލި އެހީގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ. މިއީ ރާއްޖޭގެ ކަރަންޓާއި ފެނުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ "އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ދޭ އެހީއެކެވެ.

ރާއްޖޭގައި ކަރަންޓާއި ބޯފެން އުފެއްދުމަށް 94 ޕަސަންޓު ބަރޯސާވަނީ އެތެރެކުރާ ތެލަށެވެ. ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ބޮޑުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ސަބަބުން ތެޔޮ އެތެރެކުރަން ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އޭޑީބީގެ މި އެހީގެ ސަބަބުން ކަރަންޓާއި ފެނުގެ ހިދުމަތުގެ އިތުރުން ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށް މަގުފަހިވާނެއެވެ.

އޭޑީބީގެ ރައީސް މަސަޓޯ ކަންޑާ ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލުނު ނަމަވެސް، ދިވެހި ރައްޔިތުންނަށް ކަރަންޓާއި ފެނުގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް އެ ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ހަމަ މި ބޭނުމަށް ވޯލްޑް ބޭންކުންވެސް ވަނީ ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.