ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވެވަޑައިގަތުމަށް އިތުރު 8 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތަކީ ރައްޔިތުންނަށް ސީދާ ރައީސްއާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކުރުމަށް ފަހިކޮށްދޭ ފުރުސަތެކެވެ.
މިފަހަރު ނަން ނޯޓުކުރުމަށް ހުޅުވާލާފައިވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެ އޮފީހުގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރަންޖެހޭނެ ކަމަށެވެ.
އޮފީހުން ބުނީ މި ބައްދަލުވުންތަކަށް ފުރުސަތު ދެވޭނީ އެދޭ މީހުންގެ އަދަދަށާއި، ކަނޑައެޅިފައިވާ ވަގުތަށާއި އިދާރީ އިންތިޒާމުތަކަށް ބަލައިގެން ކަމަށެވެ. މި ބައްދަލުވުމުގައި ކޮންމެ މީހަކަށްވެސް ވާހަކަދައްކަން 10 މިނިޓުގެ ވަގުތެއް ލިބޭނެއެވެ. އަދި ބައިވެރިވާ ފަރާތާއެކު އެ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ގެންދެވޭނެއެވެ.
ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ ބޭނުމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު މި ސިލްސިލާގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.
މީގެ ކުރިންވެސް "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ދަށުން 8 ދާއިރާއަކުން ނަން ނޯޓުކުރުމަށް ހުޅުވާލިއެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، ހުޅުމާލެ މެދު ދާއިރާ، މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާއެވެ.
