ބޭރުގެ ބާރުތަކުގެ ދަށަށް ރާއްޖެ ގެންދެވުނު ކޮންމެ ދަނޑިވަޅެއްގައިވެސް، އެކަމުގެ ފަހަތުގައި އޮތީ ގައުމަށް ހެޔޮނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ހިޔާނާތްކަން ތާރީހުން ފެންނަން އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ، މީގެ 467 އަހަރު ކުރިން ޕޯޗުގީޒުންގެ އިސްތިއުމާރީ އަޅުވެތިކަމުން ރާއްޖެ މިންޖުކޮށްދެއްވި ގައުމީ ބަތަލުންގެ ޖިހާދުގެ ހަނދާންތައް މިއަދު އާވާ ކަމަށެވެ. އަދި އެފަދަ ހިތި ތަޖުރިބާތައް ތަކުރާރުވިޔަ ނުދިނުމަށް އެންމެން އެކުވެ އަޒުމް އާކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހި ކޮންމެ ދަރިއެއްގެ ހިތުގައި ގައުމިއްޔަތުގެ ވިންދާއި ރޫހު ދެމެހެއްޓުމަށާއި، އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިއާރު ނެގެހެއްޓެވުމަށްވެސް ރައީސް ގޮވާލެއްވިއެވެ.

މީގެއިތުރުން، ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވިއިރު، އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު ހއ. އުތީމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.