މިދިޔަ އަހަރު ޒަކާތު ފަންޑުން އެހީގެ ގޮތުގައި 23.14 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާއިރު، މީގެ ތެރެއިން އެންމެ ގިނަ ފައިސާ ހަރަދުކޮށްފައިވަނީ ބޭސްފަރުވާއަށް ކަމަށް ޒަކާތު ހައުސްގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ. ބޭސްފަރުވާގެ އެހީގެ ތެރެއިންވެސް އެންމެ ބޮޑު ހަރަދެއް ކުރެވިފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށެވެ.

ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެހީ ހޯދުމަށް އިދާރީ ކޮމިޓީއަށް ހުށަހެޅި 2،111 މައްސަލައިގެ ތެރެއިން 1،391 މައްސަލައަކަށް ވަނީ އެހީ ހަމަޖައްސައިދީފައެވެ. މީގެ ތެރެއިން ކެންސަރު ބަލީގެ ފަރުވާއަށް 5.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޯގަން ޓްރާންސްޕްލާންޓް ހެދުމަށް 3.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ސިކުނޑީގެ ބަލިތަކަށް 1.6 މިލިއަން ރުފިޔާ، ފުއްޕާމޭގެ ބަލިތަކަށް 929،403 ރުފިޔާ، ހިތުގެ ބަލިތަކަށް 710،101 ރުފިޔާ އަދި ކިޑްނީ ބަލިތަކަށް 646،251 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެހެނިހެން ބަލިތަކުގެ އެހީގެ ގޮތުގައި 10.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ޒަކާތު ފަންޑުން މިދިޔަ އަހަރު ފަގީރުންނާއި މިސްކީނުންނަށް ޖުމްލަ 38.18 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ފީސަބީލިއްލާގެ ބައިން 13.44 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އާމިލުންގެ ބައިން 4.21 މިލިއަން ރުފިޔާ އަދި އިބްނު ސަބީލްގެ ބައިން 1.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ދަރަނިވެރިންގެ ބައިން 1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107.20 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފަގީރުންގެ ދަފްތަރުގައި ތިބި 2،852 މީހުންނަށް ބޮލަކަށް 5،000 ރުފިޔާގެ ރޭޓުން 14.26 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި 13.57 މިލިއަން ރުފިޔާ ލިބުނުއިރު، 2،772 މީހުންނަށް ބޮލަކަށް 4،500 ރުފިޔާގެ ރޭޓުން 12.47 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ. ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ 77 ރަށެއްގައި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރެޖިސްޓަރީވެފައެއް ނުވެއެވެ.