މިއަދު މެންދުރުފަހުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ރަނގަޅުވެ، ވިއްސާރަ އަލިވާން ފަށާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު މެންދުރުގެ ކުރިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވި ނަމަވެސް، މެންދުރުފަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުންވެސް އާންމު ހާލަތަކަށް ބަދަލުވެ، މުޅިން އަލިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރޭ ފަތިހު 5:00 އިން ހެނދުނު 10:00 އަށް ވައިޓް އެލާޓްވެސް ނެރެފައިވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
