ބޮޑު ތަކުރުފާނުގެ ގައުމީ ޖިހާދަކީ ދިވެހިންގެ ހިތްވަރާއި ކެރުމުގެ މިސާލެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، ބޮޑު ތަކުރުފާނުގެ ޖިހާދަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އަޒުމުގެ ރަމްޒެއް ކަމުގައެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ މެސެޖުގައި، ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި ހަނގުރާމަކުރެއްވި ބަތަލުންގެ ހަނދާން އާކުރައްވަމުން، މި އުފާވެރި ގައުމީ ދުވަހުގެ ތަހުނިޔާ ވަނީ އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވުމަށް މުހައްމަދު ތަކުރުފާނު ކުރެއްވި ޖިހާދު ފާހަގަކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.
ގައުމީ ދުވަސްތައް ފުރިހަމައަށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާއިރު، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ގައުމީ ބަތަލު މުހައްމަދު ތަކުރުފާނު އުފަންވެވަޑައިގެންނެވި އުތީމުގައެވެ.
