އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި އެހީ ލިބޭ މީހާއަށް ފައިދާކުރާ ކަމެއް ނޫނެވެ. ސައިންސްވެރިން ކުރައްވާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، އެހެން މީހުންނަށް އެހީތެރިވުމާއި އޯގާތެރިކަން އިސްކުރުމަކީ އެހީތެރިވާ މީހާގެ އަމިއްލަ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެގެންދާ މުހިންމު ސަބަބެކެވެ.
ނަފްސާނީ އިލްމުވެރިން ކަމަށްވާ އެޑް ޑީނާ އާއި މާޓިން ސެލިގްމަން ހެއްދެވި ދިރާސާއަކުން އެނގޭ ގޮތުގައި، އެހެން މީހުންނަށް އެހީތެރިވުމުގެ އާދަ އަށަގަނެފައިވާ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ރަނގަޅުވެއެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތަކުން ފަސޭހަވުމަށް ހޭދަވާ ވަގުތު އަވަސްކޮށްދިނުމަށްވެސް އެހެން މީހުންނަށް އެހީތެރިވުން އެހީތެރިވެދޭ ކަން ދިރާސާއިން ސާބިތުވެއެވެ.
މީގެ އިތުރުން ޔޫސީއެލްއޭ ގެ ނަފްސާނީ އިލްމުވެރިއެއް ކަމަށްވާ ނައޯމީ އައިސެންބާގާ ކުރިއަށް ގެންދެވި ސިކުނޑީގެ އިމޭޖިން ދިރާސާއަކުން ދެއްކި ގޮތުގައި، އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުން ސިކުނޑީގައި ހާސްކަން އުފައްދާ ބަޔަށް ހެޔޮ ބަދަލުތަކެއް އާދެއެވެ. މީގެ ސަބަބުން ސިކުނޑީގެ ސްޓްރެސް ދަށްވެ، އުފާވެރިކަން އިހުސާސްކޮށްދޭ ބައިތައް ސާފުކޮށް މަސައްކަތް ކުރަން ފަށައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނުން ދުވާލެއްގެ މައްޗަށް ކުރާ ފިކުރުތަކުގެ 80 ޕަސަންޓަކީ ނޭދެވޭ ފިކުރުތަކެވެ. އަދި ހާސްވާ ކަންކަމުގެ 85 ޕަސަންޓަކީ ހަގީގަތުގައި ދިމާވާ ކަންކަމެއް ނޫން ކަމަށް ކޯނެލް ޔުނިވަސިޓީގެ ދިރާސާއަކުން ދައްކައެވެ. އެހެންކަމުން، އެހެން މީހުންނަށް އެހީތެރިވުމުގައި ވަގުތު ހޭދަކުރުމަކީ މިފަދަ ނޭދެވޭ ފިކުރުތަކުން ސިކުނޑި ދުރުކޮށްދީ، ނަފްސާނީ ހަމަޖެހުން ހޯދައިދޭ ކަމެކެވެ.
އެހެންކަމުން، އަމިއްލަ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އެހީއަކަށް ބޭނުންވެފައިވާ އާއިލާގެ މީހަކަށް ނުވަތަ ރައްޓެހި އަދި އެކުވެރިއަކަށް އެހީތެރިވުން މުހިންމެވެ. މީގެ އިތުރުން ހެޔޮކަންކަމުގައި ބައިވެރިވުމާއި، އެހީދޭ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަމިއްލަ ދިރިއުޅުމަށް ބޮޑު އުފާވެރިކަމެއް ގެނެސްދޭނެ ކަމެކެވެ.
އެހެން މީހެއްގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމަކީ އަމިއްލަ ނަފްސަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ސައިންސްގެ ދިރާސާތަކުން ސާބިތުވާ ގޮތުގައި، އޯގާތެރިކަމާއެކު އެހެން މީހުންނަށް އެހީތެރިވުމަކީ އަމިއްލަ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ އަސަރުގަދަ އެއް މަގެވެ.
