ކޮންމެ މަހެއްގެވެސް ފެށޭކޮޅަކީ އާ އުންމީދުތަކަކާއި، ގިނަ ރޭވުންތަކެއް ރާވައި، އަމިއްލަ ނަފްސަށް ގިނަ ވައުދުތަކެއް ވަމުންދާ ދުވަސްވަރެކެވެ. ނަމަވެސް، ދިރިއުޅުމުގެ އަވަސް ދުވެއްޔާއި، ކޮންމެ ދުވަހަކު ކުރިމަތިވާ އެކި ކަންކަމުގެ ތެރޭގައި، މަހުގެ މެދާ ހަމައަށް އާދެވޭއިރު އަޅުގަނޑުމެންގެ އަސްލު މަގުސަދުތަކާ ދުރަށް ދެވޭ ގޮތްވެއެވެ. މަހުގެ މެދުތެރެއަކީ މާޔޫސްވާންވީ ވަގުތެއް ނޫނެވެ. މިއީ މަޑުޖެހިލައި، އަލުން އެނބުރި ކުރީގެ އުންމީދުތައް އާކޮށް، އަމާޒަށް ވާސިލުވުމަށް އާ ހިތްވަރެއް ނެރެންވީ އެންމެ ރަނގަޅު ވަގުތެވެ.
އަސްލު މަގުސަދުތަކަށް އަލުން އެނބުރި ދިއުމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، މަހުގެ ފުރަތަމަ ދުވަސްތަކުގައި ގާއިމުކުރި ލަނޑުދަނޑިތަކަށް އަލުން ނަޒަރު ހިންގާލުމެވެ. ދިރިއުޅުމުގެ އާދަކާދަތަކަށް ގެންނަން ބޭނުންވި ބަދަލުތަކާއި، ސިއްހަތަށް ނުވަތަ މަސައްކަތުގެ މާހައުލަށް ކަނޑައެޅި އަމާޒުތައް ހަނދާންކޮށްލާށެވެ. މިވީ ދުވަސްތަކުގައި ހާސިލުކުރެވުނީ ކޮން ކަންތައްތަކެއްކަމާއި، މަގުއޮޅިގެން ދިޔައީ ކޮން ހިސާބަކުންކަން ދެނެގަތުމަކީ ކުރިއަށްދާން ފަސޭހަވެގެންދާނެ ކަމެކެވެ. ކުދިކުދި ކުރިއެރުންތައްވެސް ބަލައިގަނެ، އެކަމާ އުފާކުރަން ދަސްކުރަންޖެހެއެވެ.
ދެން އޮތީ ރޭވުންތައް އަލުން ތަރުތީބުކޮށް، ބަދަލުތަކެއްެ ގެނެއުމެވެ. ފުރަތަމަ ކަނޑައެޅި ބައެއް އަމާޒުތަކަކީ މާ ބޮޑެތި، ނުވަތަ ހާސިލުކުރަން އުނދަގޫ ކަންތައްތަކަކަށް ވެފައި ހުރެދާނެއެވެ. އެފަދަ ކަންކަން ކުދިކުދި ބައިތަކަށް ބަހާލައިގެން، ދުވަހުން ދުވަހަށް ކުރެވޭނެ ފަދަ އާދަތަކަކަށް ބަދަލުކޮށްލާށެވެ. ވަގުތު ކުޑަތަންވަމުންދާ ވަރަކަށް މުޅި މަހުގެ ރޭވުން އެއްކޮށް ދޫކޮށްލުމުގެ ބަދަލުގައި، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހާސިލުކުރެވޭނެ ހަގީގީ އަމާޒުތަކަކަށް ސަމާލުކަން ދިނުން މުހިންމެވެ.
ކޮންމެ ދުވަހަކީވެސް އާ ފެށުމެކެވެ. މަހުގެ މެދާ ހަމައަށް އާދެވުނު ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އަމިއްލަ ނަފްސަށް ކުުލުނުވެރިވެ، ކަންކަން ހާސިލުކުރުމުގައި މާ ބޮޑަށް ބުރަނުވެ، ހަމަޖެހިލައިގެން ކުރިއަށްދާށެވެ. މަހުގެ މެދުތެރެއަކީ ކުރީގެ ނުކުރެވުނު ކަންކަމާމެދު ހިތާމަކުރުމުގެ ބަދަލުގައި، ކުރިއަށް ހުރި ދުވަސްތައް ކާމިޔާބުކަމާއެކު ނިންމާލުމަށް ލިބޭ ރަނުގެފުރުސަތެކެވެ.
