ސައިންސްވެރިން ވަނީ ކަންބަޅީގެ ކެހެރި ބޭނުންކޮށްގެން ހަލާކުވެފައިވާ ކަށި އަލުން އާލާކޮށް އުފެއްދުމަށް އެހީތެރިވެދޭ އާ މާއްދާއެއް ހޯދާފައެވެ. ކިންގްސް ކޮލެޖް ލަންޑަންގެ ތަހުގީގުކުރާ ޓީމަކުން ކުރިއަށްގެންދިޔަ މި ހޯދުމުގައި، ކަންބަޅި ކެހެރިން ނަގާ ކެރަޓިން ކިޔާ ޕްރޮޓީނެއް ބޭނުންކޮށްގެން ކަށި އުފެއްދުމުގެ ތަހުލީލުތައް މިންގަނޑުތަކާ އެއްގޮތަށް ވަނީ ކާމިޔާބުކޮށްފައެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ ކެރަޓިން ބޭނުންކޮށްގެން ކަށި ހެދުމަށް އެހީތެރިވެދޭ މެމްބްރޭން ނުވަތަ ފްރޭމްވޯކް ތައްޔާރުކޮށްފައެވެ. ޖަނަވާރުތަކުގައި ކުރެވުނު ތަހުލީލުތަކުން ދެއްކި ގޮތުގައި، މި މާއްދާގެ އެހީގައި އަލުން އުފެދުނު ކަށިތަކަކީ އަސްލު ސިއްހަތު ރަނގަޅު ކަށިތަކާ ވަރަށް ބޮޑަށް އެއްގޮތް، ވަރުގަދަ އަދި ތަރުތީބުކޮށް އުފެދިފައިވާ ކަށިތަކެކެވެ.

މިހާތަނަށް ކަށި އަލުން ހެދުމަށް އެންމެ އާންމުކޮށް ބޭނުންކުރަމުން އައީ ކޮލަޖެން މާއްދާއެވެ. ނަމަވެސް، ކޮލަޖެންއަކީ އުފައްދަން އަގުބޮޑު އަދި އަވަހަށް ހަލާކުވާ އެއްޗަކަށް ވާތީ، ކަންބަޅި ކެހެރިން ނެގޭ ކެރަޓިންއަކީ އޭގެ ބަދަލުގައި ބޭނުންކުރެވޭނެ މުހިންމު އަދި ދެމެހެއްޓެނިވި މާއްދާއަކަށް ވެގެންދާނެއެވެ. އަދި ކަންބަޅި ކޮށިތަކުން އުކާލެވޭ ކެހެރި ސިއްހީ ދާއިރާއަށް ބޭނުންތެރި އެއްޗަކަށް ހެދުމުގެ ފުރުސަތު މިއިން ހުޅުވިގެންދެއެވެ.

މި ހޯދުމަކީ ރީޖެނެރޭޓިވް މެޑިސިން ނުވަތަ ހަށިގަނޑުގެ ސެލްތަކާއި ކަށިތައް އަލުން އާލާކުރުމުގެ ބޭސްވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ސައިންސްވެރިން އުއްމީދުކުރަނީ އިތުރު ތަހުލީލުތަކަށްފަހު، އެކްސިޑެންޓްތަކުގައާއި އެހެނިހެން ސަބަބުތަކާ ހުރެ ކަށިތަކަށް ލިބޭ ބޮޑެތި ގެއްލުންތަކަށް ފަރުވާކުރުމަށާއި ދަތުގެ ފަރުވާތަކުގައި މިއީ އިންސާނުންނަށް ބޭނުންކުރެވޭނެ ރައްކާތެރި، ކާމިޔާބު މާއްދާއަކަށް ވެގެންދާނެ ކަމަށެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.