އިންސާނަކަށް ތަކުރާރުކޮށް އެއް ފާފައެއް ކުރެވުމުގެ ސަބަބުން، އަމިއްލަ ނަފްސާ މެދު ނުހަނު މާޔޫސްވާ ވަގުތުތައް އާދެއެވެ. އެ ފާފަ ދެން ނުކުރުމަށް ﷲ އަށް އިޚްލާޞްތެރިކަމާއެކު ވަޢުދުވެ، ތައުބާވެ، ނަމާދުގައި ރޮއި ފާފަފުއްސެވުމަށް އެދުމަށްފަހު، އަނެއްކާވެސް އެ ފާފައަށް އަރައިގަނެވޭ ފަހަރު އާދެއެވެ. ނަތީޖާއެއްގެ ގޮތުން، "އެއް ކަމަކަށް އެދި އަހަރެން ﷲ ގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދެންވީ ކިތައް ފަހަރު ބާވައެވެ؟" މިފަދައިން އަމިއްލަ ނަފްސާ ސުވާލުކުރެވެން ފަށައެވެ. މި އިޙްސާސް ބުރަވެގެން ގޮސް، ތިމާއަކީ ދެން ﷲ ގެ ރަޙްމަތަށް ޙައްޤުވެގެންވާ މީހެއް ނޫން ކަމަށް ޤަބޫލުކުރެވެން ފަށައެވެ. ނަމަވެސް، ﷲ ގެ ރަޙްމަތުގެ ދޮރުކޮޅު އަދިވެސް ހުޅުވިފައިވާކަން ހަނދާންކުރަންވީ ހަމަ މިފަދަ ވަގުތުތަކުގައެވެ. މުއުމިނެއްގެ ފައި ކައްސާލައިގެން އެތައް ފަހަރަކު ވެއްޓިދާނެއެވެ. އެކަމަކު، ދެން އަލުން ތެދުވެވެން ނެތް ކަމަށް ޤަބޫލުކޮށް ޖާގަދީގެން ނުވާނެއެވެ.
"إِلّا مَن تابَ وَآمَنَ وَعَمِلَ عَمَلًا صالِحًا فَأُولٰئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِم حَسَناتٍ ۗ وَكانَ اللَّهُ غَفورًا رَحيمًا توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ."
މިއީ ކުށުގެ އިޙްސާސާއެކު ހިތާމަކުރާ ކޮންމެ މީހަކަށްމެ ލިބިގެންދާ ވަރަށް ބޮޑު އުންމީދެކެވެ. ﷲ، ފާފަކުރާ މީހުންނަށް އަންގަވަނީ އެކަލާނގެއާ ދުރަށް ދާކަށް ނޫނެވެ. އެކަލާނގެ އެ އަޅުންނަށް ގޮވައިލައްވަނީ އެނބުރި ރުޖޫޢަވުމަށެވެ. އިންސާނަކަށް ކިތަންމެ ގިނަ ކުށްތަކެއް ކުރެވުނު ކަމުގައި ވިޔަސް، ތިމާގެ ފާފަތައް ﷲ ގެ ރަޙްމަތަށްވުރެ ބޮޑު ކަމަށް ދުވަހަކުވެސް ޤަބޫލުކޮށްގެން ނުވާނެއެވެ. ފާފައެއް ކުރެވުމަށްފަހު ހިތާމަކުރުމަކީ، އިންސާނާ ﷲ އާ ދިމާއަށް ކައިރިކޮށްދޭނެ ކަމެކެވެ. ނަމަވެސް އެ ހިތާމައަކީ މާޔޫސްކަމުގެ ބަދަލުގައި ތައުބާއަށް މަގުފަހިކޮށްދޭ ކަމަކަށް ވާންޖެހެއެވެ. ޝައިޠާނާ ބޭނުންވަނީ އިންސާނާއަކީ ފާފަފުއްސެވުން ނުލިބޭނެ މިންވަރަށް ގިނައިން ފާފަކޮށްފައިވާ މީހެއްކަން ވިސްނައިދޭށެވެ. އެކަމަކު ﷲ އަހަރެމެންނަށް އުނގަންނައިދެއްވަނީ އެކަލާނގެ ރަޙްމަތުން ދުވަހަކުވެސް އުންމީދު ކަނޑައިނުލުމަށެވެ.
ތިބާއަށް ތަކުރާރުކޮށް އެއް ފާފައަކަށް އަރައިގަނެވޭނަމަ، އަމިއްލަ ނަފްސާ މެދު އުންމީދު ކަނޑައިނުލާށެވެ. އިޚްލާޞްތެރި ތައުބާއަކީ ކުރެވުނު ނުބައި ކަންތައް ދެނެގަނެ، ހިތުގެ އަޑިން އެކަމާ ހިތާމަކޮށް، ފާފަފުއްސެވުމަށް ﷲ ގެ ހަޟްރަތުގައި އެދި، އަދި އަލުން އެ ފާފައަށް ނުދިއުމަށް އިޚްލާޞްތެރި މަސައްކަތެއް ކުރުމެވެ. ފަހުން އަނެއްކާވެސް އެ ފާފައަށް ވެއްޓިއްޖެނަމަ، އޭގެ މާނައަކީ ތައުބާވުން ހުއްޓާލަންވީއެކޭ ނޫނެވެ. އޭގެ މާނައަކީ އަނެއްކާވެސް ތައުބާވެ، އެކަމާ ދެކޮޅަށް ހަނގުރާމަކުރުން މަތީ ދެމިހުންނަންވީއެވެ. ހަމައެއާއެކު، ތައުބާއާއެކު އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ވަކި މީހުންނެއް، ތަންތަނެއް، އާދަތަކެއް، ވެބްސައިޓުތަކެއް ނުވަތަ ހާލަތްތަކެއްގެ ސަބަބުން ތަކުރާރުކޮށް އެ ފާފައަށް މަގުފަހިވާނަމަ، ތިމާގެ ވަށައިގެންވާ މާޙައުލު ބަދަލުކޮށް، އެ ފާފައަށް އަނބުރާ ގެންގޮސްދޭ ދޮރުތައް ބަންދުކުރަން ޖެހެއެވެ. ބާރާއި ކުޅަދާނަކަމަށް އެދި ﷲ ގެ ހަޟްރަތުގައި ދަންނަވާށެވެ. އަދި ހަމައެއާއެކު، ފާފައަށް ވެއްޓުމުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އަމަލީ ފިޔަވަޅުތައް ވެސް އަޅާށެވެ.
ބައެއް ފަހަރު މީހުންނަށް ހީވަނީ ﷲ ގެ ހަޟްރަތަށް އެނބުރި ދެވޭނީ ތިމާއަކީ އެއްވެސް އުނިކަމެއް ނެތް ފުރިހަމަ (ޕާފެކްޓް) މީހަކަށް ވެގެން ކަމަށެވެ. އެމީހުން ހިތަށްއަރައެވެ: "ފާފަކުރުން ހުއްޓާލެވުމުން، ދެން ރަނގަޅަށް ނަމާދުކުރަން ފަށާނަމެވެ." ނުވަތަ "އަހަންނަކީ މާ ރަނގަޅު މީހަކަށް ވެވުމުން، ދެން ތައުބާވާނަމެވެ." އެކަމަކު އަހަރެމެން ﷲ ގެ ހަޟްރަތަށް ރުޖޫޢަވަނީ އަހަރެމެން ފުރިހަމަ މީހުންނަށް ވެގެންނެއް ނޫނެވެ. އަހަރެމެން އެކަލާނގެއަށް ރުޖޫޢަވަނީ އެކަލާނގެއަށް ބޭނުންޖެހިފައިވާތީއެވެ. ތިބާގެ ކިބައިގައިވާ ބަލިކަށިކަމަކީ ﷲ އާ ދުރަށް ދާންވީ ސަބަބެއް ނޫނެވެ. އެއީ އެކަލާނގެ ހަޟްރަތަށް ދުވެ ދާންވީ ސަބަބެކެވެ. އަމިއްލަ ނަފްސާމެދު އެތައް ފަހަރަކު މާޔޫސްވާން ޖެހުނު ކަމުގައި ވިޔަސް، އިޚްލާޞްތެރިކަމާއެކު ﷲ އާ ވާހަކަދައްކާށެވެ. ތިބާ ކުރަމުންދާ ހަނގުރާމައިގެ ވާހަކަ އެކަލާނގެއަށް ދަންނަވާށެވެ. ތިބާގެ ހިތް ވަރުގަދަކޮށްދެއްވުމަށާއި، ފާފައަށް ހިތުގައި އޮތް ލޯބި ފިއްލަވައިދެއްވުމަށާއި، އަދި ތިބާގެ ބަލިކަށިކަން އެއަށްވުރެ ރަނގަޅު ގޮތަކަށް ބަދަލުކޮށްދެއްވުން އެދި ދަންނަވާށެވެ. ތިބާ ހެއްދެވި، އަދި ތިބާގެ ހިތުގެ އެންމެ ފުންމިނުގައިވާ ވަންހަނާ ހަނގުރާމަތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަށް އެނބުރި ރުޖޫޢަވުމަށް ދުވަހަކުވެސް ލަދުވެތިނުވާށެވެ.
އިޚްލާޞްތެރިކަމާއެކު ﷲ ގެ ހަޟްރަތަށް އެނބުރި ރުޖޫޢަވާ މީހަކަށް، އޭނާގެ ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުން އަރައިގަނެ، އެކަލާނގެއާ އޮންނަ ގުޅުން ކުރިއަށްވުރެ ވަރުގަދަކުރެވިދާނެއެވެ. މިކުރާ ހަނގުރާމައިގެ ސަބަބުން މަޑުމައިތިރިކަމާއި، ކެތްތެރިކަމާއި، ޝުކުރުވެރިވުމާއި، އަދި ﷲ އަށް ބަރޯސާވާން އެމީހަކަށް ދަސްވެދާނެއެވެ. ތިބާއަށް ކުރެވުނު ކުށްތަކަކީ ތިބާގެ ޙަޔާތުގެ ވާހަކައިގެ ބަޔަކަށް ވެދާނެއެވެ. ނަމަވެސް އެއީ ވާހަކައިގެ އެންމެ ފަހު ބާބަށް ވާކަށް ނުޖެހެއެވެ. ދުވަހަކުވެސް ސަލާމަތް ނުވެވޭނެ ކަމަށް ތިބާއަށް ހީވި ތަނަކުން، ﷲ އަށް ތިބާ ނެރުއްވިދާނެއެވެ.
އެހެންކަމުން، ތަކުރާރުކޮށް ކުރެވޭ ފާފައެއް ވާނަމަ، ލަދުވެތިކަމުގެ ސަބަބުން ﷲ ގެ ހަޟްރަތަށް އެނބުރި ދިއުން ހުއްޓާނުލާށެވެ. ވެއްޓޭ ކޮންމެ ފަހަރަކު އަލުން ތެދުވާށެވެ. އަނެއްކާވެސް ތައުބާވާށެވެ. އަނެއްކާވެސް ނަމާދުކުރާށެވެ. އަނެއްކާވެސް ދުޢާކުރާށެވެ. އަލުން މަސައްކަތްކުރާށެވެ. ފާފައަށް މަގުފަހިކުރާ އެންމެހާ ކަންކަން ދުރުކޮށް، ﷲ އާ ކައިރިކޮށްދޭނެ ކަންކަމުން ތިމާގެ ވަށައިގެންވާ މާޙައުލު ފުރާލާށެވެ. ތިބާއަށް އެތައް ފަހަރަކު ނާކާމިޔާބުވެވިއްޖެ ކަމުގެ އިޙްސާސް ކުރެވިދާނެއެވެ. ނަމަވެސް ތިބާ ދިރިހުރިހައި ހިނދަކު، ބަދަލުވުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ. ފާފައެއް ކުރެވުމުން ﷲ އާ ދުރަށް ނުދުވާށެވެ. ފާފައެއް ކުރެވުމުން އެކަލާނގެ ހަޟްރަތަށް ދުވެ އެނބުރި ރުޖޫޢަވާށެވެ. ތިބާގެ މާޒީއަކީ ތިބާއަށް އާދެވުނު ހިސާބު ބަޔާންކޮށްދޭ އެއްޗަކަށް ވެދާނެއެވެ. އެކަމަކު އިޚްލާޞްތެރި ތައުބާއާއެކު، ތިބާ ދެން ދާންވީ މަންޒިލް ކަނޑައަޅާ އެއްޗަކަށް އެ މާޒީ ވާކަށް ނުޖެހެއެވެ.
ރެފަރެންސް: މުފްތީ މެންކުގެ ދަރުސްތައް
