އިންޑިއާގައި ސެޓެލައިޓް ރާވައި އުފެއްދުމަށް އަންހެން ކުދިންނަށް ހާއްސަކޮށްގެން ހިންގާ އިންޓަނޭޝަނަލް މިޝަން، "މިޝަން ޝާކްތީސެޓް" ގެ ދެވަނަ ބުރުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރަކަށް ލިބިއްޖެއެވެ. މި ހަރަކާތުގެ ތެރެއިން އަންނަ އަހަރު ހަނދުގެ އޯބިޓަށް ފޮނުވައިލާ ކިއުބްސެޓެއް ބިނާކުރުމުގެ މަސައްކަތުގައިވެސް ދިވެހި ކުއްޖާ ބައިވެރިވާނެއެވެ.

ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، މި މިޝަންގައި ރާއްޖެ ތަމްސީލުކުރާނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭ ލެވެލަށް ކިޔަވަމުން އަންނަ އާމިނަތު ނޯޔާ ސަމީހެވެ. ނޯޔާ އަކީ އެންމެ ފަހުގެ އޯ ލެވެލް އިމްތިހާނުގައި ރާއްޖެއިން އެއްވަނަ ހޯދާފައިވާ ދަރިވަރެކެވެ.

މި މަހުގެ 23 އިން 31 އަށް އިންޑިއާގައި ކުރިއަށްދާ މި ހަރަކާތުގެ ދެވަނަ ބުރުގައި، ސެޓެލައިޓް ޑިޒައިންކޮށް ބިނާކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާނެއެވެ. މި މިޝަންގެ ފުރަތަމަ ބުރުގައި ބައިވެރިން ވަނީ ސްޕޭސް އިންޖިނިއަރިންގެ ދާއިރާތައް އޮންލައިންކޮށް ކިޔަވާފައެވެ. ވިމް އިން ބުނި ގޮތުގައި 108 ގައުމަކުން 12,000 އަށްވުރެ ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެއެވެ.

ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ނޯޔާއަށް މި ހަރަކާތުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނާއެކު ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި މަޝްރޫއުގެ ދަށުން ތައްޔާރުކުރާ ސެޓެލައިޓް އިފުތިތާހުކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު 11 ގައެވެ.