މާލޭގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފުލުހަކަށް އަނިޔާވެއްޖެ އެވެ. މިއީ ހ. ފަހިވައި ގޭގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާވީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް ކަމަށެވެ. އެ ފުލުސް މީހާގެ އަތް ކަނޑައިގެން ދިޔައީ އެގޭގެ ޓެރަސްއަށް ވަންނަން ހުރި ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި އެ ނޫން މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ރޭ 8:40 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށްފައެވެ. އަދި ރޭ 9:20 އެހާއިރު އަލިފާންގަނޑު ވަނީ މުޅިން ނިއްވާލެވިފައެވެ.

މި ހާދިސާގައި އަލިފާން ރޯވީ އެގޭގެ ސިޓިން ރޫމުގައި ކަމަށްވާއިރު، އަލިފާނުގެ ސަބަބުން އެ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެ ތަނުގައި ހުރި ހިފާގެންގުޅޭ ސާމާނަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާން ރޯވި ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ ތިން އަންހެނަކާއި ފިރިހެނަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށެވެ. މި ހަތަރު މީހުންނަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިދީފައެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ އަލިފާނުގެ ސަބަބުން އެ އިމާރާތުގެ ބައެއް އެޕާޓްމަންޓްތަކަށް ދުމުގެ އަސަރު ކުރި ނަމަވެސް، ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް އެހެން ތަންތަނަށް ލިބިފައިނުވާ ކަމަށެވެ.