ކެެއުމުގައި ބޭނުން ކުރާ ލޮނުގެ %40 އަކީ ސޯޑިއަމް އެވެ. %60 އަކީ ކްލޮރައިޑްއެވެ. ލޮނަކީ އާންމުކޮށް ކެއްކުމުގައި ރަހަލެއްވުމުގެ ގޮތުން ބޭނުން ކުރާ އެއްޗެކެވެ. މީގެ އިތުރުން ރޯތަކެތި ކުނި ނުވެ ގިނަދުވަހު ބެހެއްޓުމަށް ލޮނުން ސީރާ ކުރެވެއެވެ.
ލޮނުގައި އެކުލެވޭ ސޯޑިއަމްއަކީ ގައިގެ މަސްތަކާއި ނާރުތަކުގެ މަސައްކަތް ތަރުތީބުކުރުމައި އެހީވެދޭ މާއްދާއެކެވެ. ސޯޑިއަމްއާއި އެކު ކްލޮރައިޑް އެކުވެގެން ހަށިގަނޑުގައި ހުންނަ ފެނުގެ މިންވަރު ބެލެންސް ކޮށްދެއެވެ. ނުވަތަ ހަމަހަމަ ކޮށްދެއެވެ. މީގެ އިތުރުން ލޮނަކީ ގައިގައި ވަރުޖެއްސުމަށްވެސް އެހީވެދޭ އެއްޗެކެވެ.
ލޮނުގައި މިދެންނެވި ބޭނުންތައް ހުރިނަމަވެސް، ކެއުމުގައި ލޮނުގެ މިންވަރު ގިނައިން (ބޭނުންވާ ވަރަށްވުރެ އިތުރަށް) ބޭނުން ކުރާނަމަ އޭގެ ސަބަބުން ކުރުމުއްދަތުގައްޔާއި ދިގުމުއްދަތުގައި އިންސާނާގެ ހަށިގަނޑަށް ގެއްލުން ލިއްބައިދެއެވެ.
ކުރުމުއްދަތުގައި ލިއްބައިދޭ ގެއްލުން ތަކުގެ ތެރޭގައި މީހާ ފޮއްސިވުން ހިމެނެއެވެ. އެއީ ގުރުދާއިން (ކިޑްނީއިން) ހަށިގަނޑުގައި ހުންނަ ލޮނާއި ފެނުގެ މިންވަރު ހަމަހަމަ ކުރުވާތީއެވެ. ލޮނު ގިނަވުމުން، އެއާއި އެއްހަމައަކަށް ހަށިގަނޑުގައި ފެން ބެހެއްޓުމަކީ ގުރުދާގެ ވާޖިބެކެވެ. އެހެންކަމުން ކެއުމުގައި ލޮނު ގިނަ ނަމަ، ހަށިގަނޑުގައި ފެން ހިފަހައްޓާމިންވަރު އިތުރުވާނެއެވެ. އެގޮތަށް ހަށިގަނޑުގައި ފެން ޖަމާވެފައި ހުންނަނަމަ، މީހާގެ ކިބައިން ފޮއްސިކަން ފެންނާނެއެވެ. މިގޮތަށް ފޮއްސިވާއިރު ނުވަތަ ދުޅަވާއިރު، ދެފަޔާއި ދެއަތާއި މޫނަކީ އާންމުކޮށް ދުޅަވާ ތަންތަނެވެ. މީގެ އިތުރުން މިކަމުގެސަބަބުން މީހާގެ ބަރުދަންވެސް އިތުރުވާނެއެވެ.
އިސްވެ ދެންނެވުނު ފަދައިން ހަށިގަނޑުގައި ފެން ޖަމާވުމާއި ވިދިގެން ލޭހޮޅިތަކުން ދައުރުވާ ލޭގެ ވޮލިއުމް ނުވަތަ މިންވަރުވެސް އިތުރުވާނެއެވެ. ނަތީޖާއަކަށް ވެގެންދަނީ ލޭގެ ޕުރެސަރު މަތިވެގެން ދިއުމެވެ. މީގެ އިތުރުން ގިނައިން ލޮނު ބޭނުން ކުރެވުމަކީ ވަރަށް ފަސޭހައިން ކަރު ހިއްކުވާ ކަމެކެވެ. އިސްވެ ދެންނެވުނު ފަދައިން ފެނާއި ލޮނުގެ ހަމަހަމަކަން މިނުމަށްޓަކައި ހަށިގަނޑުގައި ހިނގާ ހަރާކަތްތަކުގެ ނަތީޖާއަކަށް ވަނީ ކަރުހިއްކުމެވެ.
ކެއުމުގައި އާދަވެ ގިނައިން ލޮނު ބޭނުން ކުރެވޭނަމަ، ދުރުމުސްތަގުބަލުގައި ލިބިދާނެ ސިއްޙީ ގެއްލުންތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ދާއިމީކޮށް ލޭމައްޗަށް ދިއުން ހިމެނެއެވެ. ނުވަތަ ލޭގެ ޕުރެސަރު ދާއިމީކޮށް މަތިކޮށް ހުރުމުގެ ފުރުސަތު ލިބެއެވެ. މި ކަމުގައިވެސް ކަން ހިނގަނީ އިސްވެ ދެންނެވުނު ތަރުތީބުންނެވެ.
ކާތަކެތި ކެއުމަށްފަހު އެންމެ ފުރަތަމަ ޖަމާވަނީ މައިދާއަށެވެ. އެހެން ކަމުން ކެެއުމުގައި ލޮނުގެ މިންވަރު ގިނަކޮށް ދިގުމުއްދަތެއްވަންދެއް ކެއުމަކީ މައިދާގެ ފާރު އުފެދުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. ސިއްހީ މާހިރުން ދެކިލައްވާގޮތުގައި ލޮނުގެ މިންވަރު ގިނަވުމުން މައިދާގެ ހަންގަނޑުގައި އިންފެކްޝަން އުފެދުމަށް މަގުފަހިވެއެވެ. މި އިންފެކްޝަނުގެ ނަތީޖާއަކީ މައިދާ ފާރުވުމެވެ.
ލޮނު ގިނައިން ބޭނުން ކުރެވޭނަމަ، ހިތުގެ ބަލިތަކާއި ކިޑްނީގެ އެކި އެކި ބަލިތަކަށް މަގުފަހިވެއެވެ. މީގެ އިތުރުން ލޭ މައްޗަށްގޮސްފިނަމަ އޭގެ ސަބަބުން ލިބޭ ދިމައިވެދާނެ ކިތަންމެ ކަމެއް އަދި ހުންނާނެއެވެ.
މިހުރިހައި ކަމެއް މިމޭރުމުން ހުރުމުން، ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރު "ހަމައެއްގައި" ހިފެހެއްޓުން ވަރަށްވެސް މުހިންމެވެ.
