ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމުތަކުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި ޓެކްސް ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކޮށް، ރާއްޖޭން ބޭރުގައި ހިންގާ އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓްރެވަލް އެޖެންޓުން ރާއްޖޭގެ ޓޫރިޒަމާ ގުޅުވައިގެން ފޯރުކޮށްދޭ ހިދުމަތްތަކުން އިންސާފުވެރިކަމާއެކު ޓެކްސް ނެގޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ. މީގެ އިތުރުން ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ދޭ ހިދުމަތްތަކަކީ ވެސް ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކުގެ ގޮތުގައި ބަލައި، ހިދުމަތް ދޭތާ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސް ދޫކުރުން ލާޒިމުކުރުން ހިމެނެއެވެ.
މި އިސްލާހު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.61 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މި ނިޒާމު ތަންފީޒުކުރުމަށްޓަކައި ދައުލަތުން ކެޕިޓަލް ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭއިރު، އިދާރީ މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީރާއިން ވަނީ މި އާ ނިޒާމު ތަންފީޒުކުރުމުގައި ބޭރުގެ ޕްލެޓްފޯމުތަކާއެކު މަޝްވަރާކޮށް، ޓެކްސް ދެއްކުމުގައި އެ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ މިއަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފެށުމަށެވެ. މި ބަދަލުގެ ސަބަބުން ބޭރުގެ އޮފްޝޯ ވިޔަފާރިތަކުން ޓޫރިސްޓުންގެ އަތުން އަގު ނަގާނެ ގޮތުގެ ތަފުސީލީ މިންގަނޑުތައް ބަޔާންކުރެވިގެންދާނެއެވެ.
