އިންޑޮނޭޝިއާގެ ފްލޯރެސް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި ބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާގެ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އަދި އޭގެ އިތުރުން ގިނަ އަދަދެއްގެ ބައެއްގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އާއިލާތަކެއް ވަނީ ހާލުގައި ޖެހިފައެވެ.

ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑޮނޭޝިއާގެ ރައީސަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި އާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކުގެ ހިތާމައިގައި ބައިވެރިވެ، ހަމްދަރުދީ ފާޅުކުރެއްވިއެވެ.

މީގެއިތުރުން، ގެދޮރު ގެއްލުނު އާއިލާތައް ހިމެނޭހެން މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ރާއްޖެ ސާބިތުކަމާއެކު އޮތްކަން ރައީސް ހާމަކުރެއްވިއެވެ. އަދި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ސާބަސް ދެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންޑޮނޭޝިއާގެ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ހެޔޮދުއާ ފޮނުއްވަމުންނެވެ.