ރޭގަނޑު ހަތެއް ނުވަތަ އަށެއްކަ ގަޑިއިރު ނިދުމަށްފަހު ހޭލާއިރުވެސް، އެއްވެސް ވަރަކަށް އަރާމު ނުލިބޭހެން ހީވާ ފަހަރު އާދޭ ހެއްޔެވެ؟ އެކަށީގެންވާ ވަރަށް ނިދުމަށްފަހުވެސް ވަރުބަލިކަން އިހުސާސްވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ އާންމު ކަމެކެވެ. ދޭތެރެއަކުން މިފަދައިން ވަރުބަލިވުމަކީ މާ ލަހުން ނިދުމުން ނުވަތަ ސްޓްރެސްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު މިފަދައިން ވަރުބަލިކަން އިހުސާސްވާނަމަ، އެއީ ލިބެންޖެހޭ އަރާމު ނިދި ނުލިބޭކަމުގެ ނުވަތަ ހަށިގަނޑުގެ ހަކަތައަށް އަސަރުކުރާ އެހެން ކަމެއް ހުރިކަމުގެ ނިޝާނަކަށް ވެދާނެއެވެ.
ގިނަ ވަގުތު ނިދުމަކީ ހަށިގަނޑަށާއި ސިކުނޑިއަށް ބޭނުންވާ ފުރިހަމަ އަރާމު ލިބޭ ކަމެއް ކަމަށް ނުބެލެވިދާނެއެވެ. ރޭގަނޑު ގިނަގިނައިން ހޭލެވުމާއި، ނިދާ ގަޑިތައް ގަވާއިދުން ނުބެހެއްޓުމާއި، އަޑުގަދަ އަދި އަރާމު ނޫން މާހައުލެއްގައި ނިދުމާއި، ނިދުމުގެ ކުރިން ފޯނާއި ސްކްރީންތައް ގިނައިން ބޭނުންކުރުމުގެ އިތުރުން ސްޓްރެސްގެ ސަބަބުން ނިދީގެ ފެންވަރު ދަށްވެއެވެ. ނެޝަނަލް ހާޓް، ލަންގް، އެންޑް ބްލަޑް އިންސްޓިޓިއުޓުން ހާމަކުރާ ގޮތުގައި، ފެންވަރު ރަނގަޅު ނިދި ނުލިބުމަކީ ވިސްނުމަށާއި، ސަމާލުކަން ދިނުމަށާއި، ދުވަހުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ހުރަސްއެޅޭ ކަމެކެވެ.
ނިދުމަށްފަހުވެސް ވަރުބަލިވާ މައިގަނޑު އަނެއް ސަބަބަކީ "ސްލީޕް އެޕްނިއާ" ކިޔާ ސިއްހީ މައްސަލައެވެ. މިއީ ނިދީގައި ނޭވާލާން އުނދަގޫވެ، ނޭވާ ކެނޑިކެނޑިގެން ދިއުމެވެ. މި ބަލި ހުންނަ މީހުންނަށް ރޭގަނޑު ނިދި ހަލާކުވާކަން ގިނަފަހަރަށް އިހުސާސް ނުވެދާނެއެވެ. ގަދައަށް ގުގުރިދެމުމާއި، ނިދީގައި ނޭވާ ކޮޅަށްދާހެން ހީވުމާއި، ހެނދުނު ބޮލުގައި ރިއްސުމާއި، އަނގަ ހިކުމުގެ އިތުރުން ދުވާލު ގަޑީގައި މާބޮޑަށް ނިދިއައުމަކީ މި ބަލީގެ އަލާމާތްތަކެވެ. މިފަދަ އަލާމާތްތައް ފެންނަނަމަ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.
ފިކުރުބޮޑުވުމާއި ނަފްސާނީ މައްސަލަތަކަކީވެސް ނިދީގެ އަރާމު ގެއްލުވައިލާ ކަންކަމެވެ. ހާސްކަމާއި، ދިގުލައިގެންދާ ސްޓްރެސް އަދި ޑިޕްރެޝަންގެ ސަބަބުން ސިކުނޑި އަރާމު ހާލަތަކަށް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ކިތަންމެ ގިނައިރު ނިދިނަމަވެސް ތާޒާކަމެއް އިހުސާސެއް ނުކުރެވެއެވެ. އަރާމު ލިބުމަކީ ހަމައެކަނި އެނދުގައި ހޭދަކުރާ ވަގުތުގެ އަދަދެއް ނޫނެވެ.
ކޮންމެ ދުވަހަކު ތަފާތު ގަޑިތަކުގައި ނިދައި ހޭލުމަކީ ހަށިގަނޑުގެ ގުދުރަތީ ނިދުމުގެ ނިޒާމަށް ބުރޫއަރާ ކަމެކެވެ. ހަވީރުގެ ވަގުތުތަކުގައި ކެފެއިން (ސައި/ކޮފީ) ގިނައިން ބޭނުންކުރުމަކީ ރަނގަޅު ނިދި ލިބުމަށް ހުރަސްއަޅާ ކަމެކެވެ. އަދި ކަސްރަތު ނުކުރުމަކީ ހަށިގަނޑުގެ ހަކަތަ ދަށްވާ ކަމަކަށްވާއިރު، އަރާމު ނުކޮށް މާބޮޑަށް ކަސްރަތު ކުރުމަކީވެސް ވަރުބަލިކަން އިތުރުވާ ކަމެކެވެ.
ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބޭނަމަ ވަރުބަލިކަން އިހުސާސްވާނެއެވެ. ޚާއްސަކޮށް ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން އެނީމިއާ ޖެހި، ގައިން ވަރުދެރަވެ، ނޭވާ ކުރުވެ، ސަމާލުކަން ދޭން އުނދަގޫވެއެވެ. ތަރުކާރީއާއި މޭވާއާއި، ގޮވާމާއި ޕްރޮޓީން ހިމެނޭހެން ކާނާ ބެލެންސްކޮށް ކެއުމަކީ ހަކަތަ އިތުރުކޮށްދޭނެ ކަމެކެވެ. ނަމަވެސް، ޑޮކްޓަރެއްގެ ލަފައެއް ނެތި ސަޕްލިމެންޓްތައް ބޭނުންކުރުމަކީ ބައެއް ފަހަރު ގެއްލުން ހުރި ކަމެކެވެ.
ދާއިމީ ގޮތެއްގައި ވަރުބަލިވުމަކީ ހަމައެކަނި ކަންނެތްކަމެއް ނޫނެވެ. ތައިރޮއިޑް މައްސަލަތަކާއި، ހަކުރުބަލި، ލޭމަދުވުން އަދި އެކި ކަހަލަ އިންފެކްޝަންތަކަކީވެސް ވަރުބަލިކަން މެދުވެރިކުރުވާ ސަބަބުތަކެވެ. މިސާލަކަށް ތައިރޮއިޑް މަސައްކަތް ދަށްވުމުން ހަށިގަނޑުގެ މަސައްކަތްތައް ލަސްވެ، ބަރުދަން އިތުރުވެ، ފިނީގެ އަސަރު މާބޮޑަށް ކުރުމާއެކު ދާއިމީ ވަރުބަލިކަން ދިމާވެއެވެ.
ގަވާއިދުން އެއް ގަޑިއެއްގައި ނިދައި ހޭލުން: ހަށިގަނޑުގެ ގަޑި އެއްގޮތަކަށް ބެހެއްޓުން.
އަރާމު މާހައުލެއް ގާއިމުކުރުން: އަނދިރި، އަޑުމަޑު އަދި ފިނިހޫނުމިން އެކަށީގެންވާ ކޮޓަރިއެއްގައި ނިދުން.
ސްކްރީން ބޭނުންކުރުން މަދުކުރުން: ނިދަން އޮށޯތުމުގެ ކުރިން ފޯނާއި ޓީވީ ފަދަ ތަކެތި ބޭނުންނުކުރުން.
ކެފެއިން މަދުކުރުން: ދުވާލުގެ ފަހުބައިގައި ސައި އަދި ކޮފީ ބުއިން މަދުކުރުން.
ގަވާއިދުން ކަސްރަތު ކުރުން އަދި ސްޓްރެސް ކުޑަކުރުން.
ގިނަ ވަގުތު ނިދުމަށްފަހުވެސް ދާއިމީ ގޮތެއްގައި ވަރުބަލިކަން އިހުސާސްވާނަމަ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ނިދުމުގެ އާދަތަކާއި، ކެއުމާއި، އަދި ފެންނަ އަލާމާތްތައް ނޯޓުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ރަނގަޅު ނިދީގެ މާނައަކީ ހަމައެކަނި އެނދުގައި ހޭދަކުރާ ގަޑިއިރުތަކެއް ނޫނެވެ؛ އެއީ ނިދީގެ ފެންވަރާއި މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމެވެ. ދިރިއުޅުމުގެ އާދަތައް ރަނގަޅުކޮށް، ދިމާވާ ސިއްހީ ސަބަބުތައް ދެނެގަނެ ފަރުވާ ހޯދުމުން ތާޒާކަމާއެކު ހޭލުމުގެ އުފާ އަލުން ހޯދިދާނެއެވެ.
ރިފަރެންސް : ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ
