ވިއެޓްނާމްގައި ކުރިއަށްދާ މިސް ވޯލްޑް މުބާރާތުގެ އޯޕަނިން ސެރެމަނީގައި މަރިޔަމް އީމާ މުހައްމަދު ރާއްޖެ ތަމްސީލުކޮށްފިއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ރީތީގެ މުބާރާތުގެ ރަސްމީ ހަރަކާތެއްގައި ރާއްޖޭގެ ބައިވެރިއަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ އޯޕަނިން ސެރެމަނީގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އީމާ ބުނީ، މިފަދަ އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މުބާރާތުގެ އެހެން ބައިވެރިންނާއެކު ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކުރެވެމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.
އުމުރުން 23 އަހަރުގެ އީމާއަކީ މޮޑެލްކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ މި އޮގަސްޓު މަހުގެ ތިންވަނަ ދުވަހު ބޭއްވި މިސް ވޯލްޑް މޯލްޑިވްސް 2026 ގެ ތާޖު ހާސިލުކޮށްފައެވެ. އެއަށްފަހު މުބާރާތުގައި ބައިވެރިވުމަށް އޭނާ ވިއެޓްނާމަށް ފުރާފައިވަނީ އޮގަސްޓު 11 ވަނަ ދުވަހުއެވެ.
އީމާ ރާއްޖެ ތަމްސީލުކުރަމުންދަނީ ވިއެޓްނާމްގައި އޮންނަ 75 ވަނަ މިސް ވޯލްޑް ފެސްޓިވަލްގައެވެ. މި މުބާރާތުގެ ހަރަކާތްތައް ކުރިއަށްދާނީ އޮގަސްޓު މަހުގެ 9 އިން ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
