ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕަރޭޝް ރާވަލް އާއި ކުރީގެ މިސް އިންޑިއާ ސުވަރޫޕް ސަމްޕަތުގެ ކައިވެންޏަށް 37 އަހަރު ފުރިއްޖެއެވެ. ބޮލީވުޑްގެ އެންމެ ނަމޫނާ އަދި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް ލޯބީގެ ގުޅުންތަކުގެ ތެރޭގައި ހިމެނޭ މި ދެ ތަރިން ކައިވެނިކުރީ 12 އަހަރު ވަންދެން ލޯބީގެ ގުޅުމެއްގައި އުޅުމަށްފަހު 1987 ވަނަ އަހަރުއެވެ.
މި ދެ ތަރިންގެ ލޯބީގެ ދާސްތާނު ފެށިގެން ދިޔައީ ކޮލެޖް ދުވަސްވަރު ތިއޭޓަރު ފެސްޓިވަލެއްގެ ތެރެއިންނެވެ. ސުވަރޫޕް ފުރަތަމަ ފެނުނު ވަގުތުވެސް އޭނާއާ ކައިވެނިކުރާނެ ކަމަށް ޕަރޭޝް ރާވަލް އޭނާގެ ރައްޓެހިންގެ ގާތުގައި ބުންޏެވެ. ސުވަރޫޕަކީ އެ ފެސްޓިވަލް އިންތިޒާމުކުރި ކުންފުނީގެ ވެރިޔާގެ ދަރިއަކަށް ވީއިރު، ޕަރޭޝްއަކީ އޭރު ތިއޭޓަރުގައި މަސައްކަތްކުރަމުންދިޔަ އާޓިސްޓެކެވެ.
1979 ވަނަ އަހަރު ސުވަރޫޕް ސަމްޕަތު މިސް އިންޑިއާގެ ތާޖު ހޯދައި، މިސް ޔުނިވާސް މުބާރާތުގައި އިންޑިއާ ތަމްސީލުކުރުމުގެ ފުރުސަތު ހޯދިއެވެ. ރީތީގެ މުބާރާތުގައި ބައިވެރިވުމަށް ސުވަރޫޕް ފަސްޖެހުނު ނަމަވެސް، އެ ކަމުގައި ސުވަރޫޕަށް އެންމެ ބޮޑު ހިތްވަރެއް ދީ، އެހީތެރިކަން ފޯރުކޮށްދިނީ ޕަރޭޝް ރާވަލްއެވެ.
12 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، 1987 ގައި އެ ދެ ތަރިން ކައިވެނިކުރީ މުމްބާއީގެ ލަކްޝްމީ ނާރާޔަން ފައްޅީގެ ގޯތިތެރޭގައި ހުރި ބޮޑެތި ގަސްތަކުގެ ހިޔަލުގައެވެ. ވަރަށް އާދައިގެ ގޮތަކަށް، އާއިލާއާއި ގާތް އެކުވެރިންގެ ހާޒިރުގައި ކުރެވުނު މި ކައިވެންޏަކީ ބޮލީވުޑްގެ އެހެން ތަރިންގެ ކައިވެނިތަކާ ހިލާފަށް ވަރަށް އާދައިގެ ކުލަގަދަކަމެއް ނެތް ނަމަވެސް މާނަވީ ކައިވެންޏެކެވެ.
ކައިވެންޏަށްފަހު އެ ދެ ތަރިންނަށް ދެ ފިރިހެން ކުދިން ލިބިފައިވާއިރު، އެއީ އަދިތްޔާ އާއި އަނިރުއްދްއެވެ. މިއަދުވެސް ބޮލީވުޑްގެ އެންމެ އުފާވެރި އަދި އެންމެ ސާބިތު ކައިވެނިތަކުގެ ތެރޭގައި ޕަރޭޝް ރާވަލް އާއި ސުވަރޫޕް ސަމްޕަތުގެ ކައިވެނި ހިމެނެއެވެ.
