ސޯޝަލް މީޑިއާގެ މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމްގައި ބޭނުންކުރަމުން އަންނަ އޮޕްޝަނަލް އެންޑް-ޓޫ-އެންޑް އެންކްރިޕްޓެޑް ޗެޓް ފީޗާ އުވާލުމަށް މެޓާއިން ނިންމައިފިއެވެ.

މި ފީޗާ އުވާލަން މެޓާއިން ނިންމި އެންމެ ބޮޑު ސަބަބަކީ އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ ތެރެއިން މި ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް މަދުވުމެވެ. ކުރިން މި ފީޗާ ބޭނުންކޮށްގެން ފޮނުވާ މެސެޖުތައް ބެލެނީ ހަމައެކަނި މެސެޖު ފޮނުވާ ދެ މީހުންނަށް އެކަންޏެވެ. ނަމަވެސް، މި ބަދަލާއެކު އިންސްޓަގްރާމްގެ އާންމު މެސެޖުތަކަށް އެ ފަދަ ރައްކާތެރިކަމެއް ނުލިބޭނެއެވެ. އަދި ގާނޫނީ ގޮތުން ބޭނުންވެއްޖެ ހާލަތެއްގައި މެޓާގެ ސިސްޓަމްތަކަށް މެސެޖުތަކުގެ މައުލޫމާތު ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށް މެޓާއިން ބުންޏެވެ.

މެޓާގެ ދަށުން ހިންގާ އެހެން ޕްލެޓްފޯމްތައް ކަމަށްވާ ވޮޓްސްއެޕް އަދި މެސެންޖާގައި އެންޑް-ޓޫ-އެންޑް އެންކްރިޕްޝަން ހިދުމަތް ކުރިއަށް އޮތް ތަނުގައިވެސް ބޭނުންކުރެވޭނެއެވެ. އެހެންކަމުން، މެޓާގެ މެސެޖިން ހިދުމަތްތަކުގެ ތެރެއިން އިންސްޓަގްރާމް ވެގެންދާނީ ރައްކާތެރިކަން އެންމެ ކުޑަ އެއް ޕްލެޓްފޯމަށެވެ. މި ބަދަލާއެކު އިންސްޓަގްރާމް މެދުވެރިކޮށް އަމިއްލަ ސިއްރު މައުލޫމާތު ފޮނުވުމުގައި ބޭނުންކުރާ މީހުން އިތުރަށް ސަމާލުވުން މުހިންމެވެ.