ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ސަޕްލައި ދޯނިން ގެއްލުނު ތިން ދިވެހިން ހޯދުމުގެ މަސައްކަތުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ހުވަދޫ ކަނޑުގެ 6،300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ސަރުކާރުން ފޯރުކޮށްދިން މި އެހީތެރިކަމުގެ ދަށުން، އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެއް ބޭނުންކޮށްގެން ހުވަދޫ ކަނޑުގެ ސަރަހައްދު އާދިއްތަ ދުވަހު ބަލާފައިވާ ކަމަށެވެ. މިއީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އަދި ސަވޭލަންސް މަސައްކަތްތަކަށް ބޭނުންކުރާ ހާއްސަ މަތިންދާބޯޓެކެވެ. މި ބޯޓުން ވަނީ މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފައެވެ.
މި ހާދިސާ ހިނގާފައިވަނީ 5 އޮގަސްޓް 2026 ވި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެމަގުން ދަނީ ކުރަމުންނެވެ. އެގޮތުން، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައި، ހުވަދޫ ކަނޑާއި ހައްދުންމަތި އަދި ގއ. އަތޮޅުގެ ފަރުތަކުގެ ސަރަހައްދު ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބުރާހިމް އަހުމަދާއި، ފުލުހުންގެ ސާޖަންޓް އަލީ ނާފިއުގެ އިތުރުން ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އެވެ. މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ވަނީ އެމްއެންޑީއެފުން ސަލާމަތްކޮށްފައެވެ.
