ދިވެހިރާއްޖޭގެ މާލީ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގެ މަގުސަދުގައި "ނޭޝަނަލް ޕޭމަންޓް ސްވިޗް" އެއް ގާއިމުކުރުމަށްޓަކައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ރިއާޔަތްކޮށް ފާސްކުރި މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ. މީގެ އިތުރުން ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމުކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުންވެސް ހިމެނެއެވެ.

މި އިސްލާހުގެ ދަށުން ގައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވާނަންސް އަދި މޮނިޓަރިން ނިޒާމު އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ. އަދި ގައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ "ނޭޝަނަލް ޕޭމަންޓް ސްވިޗް" ގެ ގޮތުގައި ކަނޑައެޅުމުގެ ފުރިހަމަ ބާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން، ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ އެހެނިހެން ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ މާލީ މުއާމަލާތްތަކުގެ ތެރެއިން މަރުކަޒީ ބޭންކުން ކަނޑައަޅާ މުއާމަލާތްތައް ޕްރޮސެސްކޮށް އަދި ރޫޓްކުރަންޖެހޭނީ ނޭޝަނަލް ޕޭމަންޓް ސްވިޗުގެ ތެރެއިންނެވެ.

މި ބިލު ފާސްވުމުން ރާއްޖޭގެ މާލީ ދާއިރާގައި ހިންގާ ޕޭމަންޓް މުއާމަލާތްތައް މޮނިޓަރުކޮށް، ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެއެވެ.