ރާއްޖޭގައި އިމާރާތް ކުރުމާއި ކޮންޓްރެކްޓިންގެ ދާއިރާގައި ކާމިޔާބު ދެ ކުންފުނި ކަމަށްވާ ސާސްއީ ކޮންސްޓްރަކްޝަން އަދި ގްލަޓް އިންވެސްޓްމަންޓްގެ ޖޮއިންޓް ވެންޗަރ ކުންފުނި، ސާސް އީ ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރާ މިކްސްޑް ޔޫސްޑް އެޕާޓްމަންޓްސް ބިލްޑިންގ "ދަ ކްރީކް ވިއު" އިފްތިތާހު ކޮށްފިއެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށްފައިވަނީ އިއްޔަ އެކަމަށްޓަކައި މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައިވަނީ ދަ ކްރީކް ވިއުގެ ރަސްމީ ވެބްސައިޓުވެސް ލޯންޗުކޮށްފައެވެ. 

މި މަޝްރޫއުގެ ދަށުން 114 މިކްސްޑް ޔޫސްޑް އެޕާޓްމަންޓްސް އިމާރާތް ކުރާނެއެވެ. އޭގެތެރޭގައި 44 ލަގްޒަރީ އެޕާޓްމަންޓް ހިމެނޭއިރު 70 އެޕާޓްމަންޓް ވިއްކަން ހަމަޖެހިފައިވަނީ ކޮންޓްރޯލް އަގުތަކެއްގައެވެ. އެގޮތުން އެޕާޓްމަންޓްތައް ވިއްކާނީ އަކަފޫޓަކަށް 2185 ރުފިޔާ ޖެހޭ ގޮތަށެވެ. މި މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ މަޝްރޫއުގެ އެއްބަސް ވުމުގައި ސޮއި ކުރުމަށްފަހު 36 މަސްދުވަހުގެ ތެރޭގައެވެ.

އިއްޔެގެ ހަފްލާގައި ދަ ކްރީކް ވިއުއާބެހޭގޮތުން މައުލޫމާތު ދެއްވަމުން ސާސް އީ ކޮންސްޓަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވީ، ދަ ކްރީކް ވިއު ހައުސިން މަޝްރޫއު ފަރުމާކުރެވިފައިވަނީ ޖާގައިގެ ގޮތުން ތަނަވަސްވެފައި ރަނގަޅު ފެންވަރުގެ ވެންޓިލޭޝަނާއެކު ސާދާ ގެވެހި ދިރިއުޅުމެއް ހިތްފަސޭހަކަމާއެކު އުޅުމަށް ބޭނުންވާނެ ކަންކަމަށް ވިސްނައިގެން ކަމަށެވެ. މި މަޝްރޫއުގެ ދަށުން 2 ކޮޓަރީގެ އެޕާޓްމަންޓް، ތިން ކޮޓަރީގެ އެޕާޓްމަންޓް، ހަތަރު ކޮޓަރީގެ އެޕާޓްމަންޓްގެ އިތުރުން ތިން ކޮޓަރިއާއެކު ކުޑަ އެއް ކޮޓަރި ނުވަތަ މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓްތައް ހިމެނޭނެ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ދަ ކްރީކް ވިއު އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ކުރެދިމާހިނގުމުގައެވެ. އިމާރާތް ހުންނާނީ ދެވަނަ ފިޔަވައްސަށްވާގޮތަށް ހުންނަ މަގުގައެވެ. އިމާރާތުގައި ސުވިމިން ޕޫލާއެކު ކުދިން ކުޅުމަށް ހާއްސަ ބައެއް ހުރުމުގެ އިތުރުން ޕާކު ކުރުމުގެ ހިދުމަތާއި، ވިޔަފާރީގެ ހިދުމަތްވެސް ލިބެންހުންނާނެއެވެ.  

އެޗްޑީސީގެ ފަރާތުން އިއުލާނުކުރި "ޑިވެލޮޕްމަންޓް އެންޑް ސޭލް އޮފް މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް އިން ހުޅުމާލެ" ހައުސިން މަޝްރޫއަށް ސާސް އީ ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑްއިން ބިޑު ހުށައެޅީ 2020 ވަނަ އަހަރު އޮކްޓޯބަރ 8 ވަނަ ދުވަހުއެވެ. އަދި ބިޑު ކާމިޔާބުކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުގައެވެ.