ޕްލާސްޓިކް ކޮތަޅުބޮނޑިން ދެ ރުފިޔާގެ ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. ގާނޫނަށް ގެނެވުނު މި އިސްލާހުގައިވާ ގޮތުން، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާގެ ފީ ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.
މީގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށާއި ރިޒޯޓުތަކުގައި އުފެދޭ ކުނި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދެވޭ ގޮތަށްވެސް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. ކުރިން އޮތް ގޮތުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މަރުކަޒުތަކަށް އެޅުމަކީ ކުށެކެވެ.
