ފާމަސިސްޓު ކޯސް ނިންމާ ކުދިންނަށް ވަޒީފާގެ ޔަގީންކަން ދިނުމާއެކު، މި ދާއިރާއިން ދިވެހިން ތަމްރީނުކުރުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްއިން ފަށައިފިއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ސްޓޭޓް ފާމަސޫޓިކަލްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި 100 އެއްހާ ފާމަސިސްޓުން މި ވަގުތުވެސް ބޭނުންވާ ކަމަށެވެ. އަދި މިހާރު ފާމަސީތަކުގައި ބޭސް ދޫކުރުމުގެ ހިދުމަތުގައި ތިބި ފާމަސިސްޓުންގެ އަދަދު މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާމަސިސްޓުން ހޯދުމަށްޓަކައި މިފަހުން ކުރި އިއްލާނުތަކަށް އެދެވޭ ތަރުހީބެއް ލިބިފައި ނުވާކަމަށް ޑރ. ޝާހް ވިދާޅުވިއެވެ. އެހެންކަމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރުންވެސް ފާމަސިސްޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

މި ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށްޓަކައި ރާއްޖޭގެ ކޮލެޖް، ޔުނިވަރސިޓީތަކާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވައި ޑރ. ޝާހް ވިދާޅުވީ "ކިހިނެތްތޯ އެކުދިންގެ ޝައުގުވެރިކަން މިކަމަށް ޖައްސާނީ. ކޯސް ނިމުނީމަ ވަޒީފާގެ ޔަގީންކަން ދިނުމާއި ތަމްރީން ވަމުންދާއިރު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެވޭނީ ކިހިނަކުންތޯއާ އިތުރަށް މިހާރު ތިބި ސްޓާފުންނަށް ތަމްރީން ދޭނެ ގޮތްތަކާ ގުޅެގޮތުން ވާހަކަދައްކަފާއި" ވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއެކު ހާއްސަ އެއްބަސްވުމެއް އެކުލަވާލުމުގެ ތައްޔާރީތައް ވަމުންދާއިރު، މިފަދަ ތަމްރީން ދޭ އިތުރު ތަންތަނާވެސް ބައްދަލުކުރާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލްއިން ބުންޏެވެ.

އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ މުޅި އާބާދީއަށް ފާމަސީތަކުގެ ހިދުމަތް މެދުކެނޑުމެއްނެތި، ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމެވެ.