ވާލްޑް ކަޕްގެ މެޗުތަކުގެ ތެރެއިން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މަރާލަން ރޭވި ކަމުގެ ތުހުމަތުތަކެއް އެމެރިކާގެ ފުލުހުންގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. އެމެރިކާގެ ފުލުހުންގެ ރިޕޯޓުތަކާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި މުޅި މުބާރާތުގައިވެސް އެންމެ ގިނަ އިންޒާރުތައް ލިބިފައިވަނީ މެސީއަށެވެ. މީގެ ތެރޭގައި އޭނާއަށް އަމާޒުކޮށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން ރޭވި ކަމުގެ އިންޒާރުތައްވެސް ހިމެނެއެވެ.

އާޖެންޓީނާއިން ޖޯޑަންއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖް މެޗުގެ ކުރިން، ޑެލަސް އެއާޕޯޓަށް މީހަކު ގުޅައި ހަމަލާދޭނެ ކަމުގެ އިންޒާރު ދިނެވެ. އެ މީހާ ގުޅައި ބުނެފައިވަނީ އަމިއްލައަށް ހަދާފައިވާ ބޮމާއި ހަތިޔާރު ހިފައިގެން އިތުރު ދެ މީހަކާއެކު ސްޓޭޑިއަމަށް ވަންނާނެ ކަމަށެވެ. އަދި އެ މީހުންގެ ހާއްސަ އަމާޒަކީ މެސީ ކަމަށްވެސް އެ ފޯނު ކޯލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގްރޫޕް ސްޓޭޖަށްފަހު އާޖެންޓީނާއިން މިސްރާ ދެކޮޅަށް ކުޅުނު ރައުންޑް އޮފް 16 މެޗުގެ ކުރިންވެސް މެސީއަށް އަމާޒުކޮށް އިންޒާރުތަކެއް ލިބިފައިވެއެވެ. މެޗު ކުޅޭ ސްޓޭޑިއަމްގެ ކުނިއަޅާ ވަށިގަނޑުތަކުގެ ތެރޭގައި ބޮމުގެ ހަމަލާތަކެއް ދިނުމަށް ގޮވާތަކެތި ބެހެއްޓި ކަމަށް ބުނެ ފުލުހުންނަށް ވަކި އިންޒާރެއްވެސް އެ ދުވަސްވަރު ލިބުނެވެ.

މި އިންޒާރުތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައި، ބޮން ހޯދުމަށް ހާއްސަ ކުއްތާ ބޭނުންކޮށްގެން މުޅި ސްޓޭޑިއަމް ފާސްކޮށްފައެވެ. ފުލުހުން މުޅި ސަރަހައްދު ބަލައި ފާސްކުރުމަށްފަހު ބުނީ، ސްޓޭޑިއަމްގެ ތެރެއިން އެއްވެސް ގޮވާތަކެއްޗެއް ފެނިފައިނުވާ ކަމަށެވެ. އަދި އެއީ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފައްދަން ދިން ދޮގު އިންޒާރެއް ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މެސީއަށް އަމާޒުކޮށް ދިން މި އިންޒާރުތަކުގެ ތަފްސީލުތައް އެމެރިކާގެ ފުލުހުންގެ ރިޕޯޓުތަކާ ހަވާލާދީ މާކާ ނޫހުން ވަނީ އާންމުކޮށްފައެވެ. މިފަދަ ބޮޑެތި މުބާރާތްތަކުގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކުޅުންތެރިންގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މުހިންމުކަން މި މައްސަލައިން ވަނީ އަނެއްކާވެސް ހާމަވެގެން ގޮސްފައެވެ.