އިންޑިއާގެ ކާންޕޫރުގައި ހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ބްރާންޗެއްގެ ލޮކަރެއްގައި ބެހެއްޓި 50 ކަރޯޑު ރޫޕީސްގެ ރަން ގަހަނާއާއި އަގުހުރި ތަކެތި ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އެ ލޮކަރުގެ ވެރިފަރާތް، އޭނާގެ ފިރިމީހާ މަރުވުމާ ގުޅިގެން 17 އަހަރު ފަހުން ލޮކަރު ބެލުމަށް ބޭންކަށް ދިޔުމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، 2003 ވަނަ އަހަރު ބޭންކުގެ 23 ވަނަ ލޮކަރުގައި އެ ތަކެތި ރައްކާކުރި އަންހެންމީހާ 2026 ވަނަ އަހަރުގެ ޖުލައި މަހުގައި ބޭންކަށް ދިޔުމުން ފުރަތަމަ ބޭންކުން ބުނީ އޭނާގެ ލޮކަރެއް އެ ތަނުގައި ނެތް ކަމަށެވެ. ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ލޮކަރު ހޯދި ނަމަވެސް، އޭގައި ހުރި ހުރިހާ ގަހަނާއެއް އޮތީ ހުސްކޮށެވެ. ބޭންކުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން އެ ލޮކަރު ހުޅުވާފައިވީ ނަމަވެސް، އެއީ ކާކު ކަމެއް ސާފެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ކާންޕޫރުގެ ސުވަރޫޕް ނަގަރު ފުލުހުން ވަނީ އެސްބީއައި ބްރާންޗް މެނޭޖަރާއި ބޭންކުގެ އެހެން މުވައްޒަފުންނާ ދެކޮޅަށް މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގު ފަށާފައެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، އެސްބީއައިއިންވެސް ވަނީ މި ތުހުމަތުތަކުގެ ތަފްސީލު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
