ނޭޕާލުގައި ކުއްތާއަކާ ކާވެނިކުރި އުމުރުން 75 އަހަރުގެ މީހަކު، ކާވެންޏަށް ތިން ރޭ ވީތަނާ މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ނޭޕާލުގެ ގަދީމީ އާދަކާދަތަކަށް ހުރުމަތްތެރިކޮށް ހިތާ ސަރަހައްދެއްގައެވެ. މަރުވެފައިވަނީ ޕުލްރާމް ޗައުދަރީ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ ފިރިހެނެކެވެ.

ޕުލްރާމް ކުއްތާއަކާ ކާވެނިކުރަންޖެހުނީ އޭނާގެ އުމުރުން 75 އަހަރުގައި އަލުން ދަތް ފެޅުމާ ގުޅިގެންނެވެ. އެ ސަރަހައްދުގެ ތާރޫ ގަބީލާގެ މީހުން ގަބޫލުކުރާ ގޮތުގައި އުމުރުން ދުވަސްވާ ފަހުން އަލުން ދަތް ފެޅުމަކީ ބޮޑު ބަދުނަސީބެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ނިޝާނެކެވެ. އަދި އެ ބަދުނަސީބުން ސަލާމަތްވުމަށްޓަކައި އުމުރުން ދުވަސްވީ މީހާ ކުއްތާއަކާ ކާވެނިކުރުމަކީ އެ މީހުންގެ ތެރޭގައި އޮންނަ ހާއްސަ އާދަކާދައެކެވެ.

މި ބަދުނަސީބުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމުގެ ބޭނުމުގައި ޕުލްރާމް ކާވެނީގެ ރަސްމިއްޔާތު ކުރިއަށްގެންދިޔަ ނަމަވެސް، ކާވެނިކުރިތާ އެންމެ ތިން ރޭ ފަހުން އޭނާ ވަނީ މަރުވެފައެވެ.